އަލިމަސް ކާނިވާ ސަރަހައްދުގެ 11 ނަމްބަރު ކެފޭ (ލޮޓް) ހޯދުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް އައިލެންޑް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދައުވާ ކުރިއަށްގެންދިއުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.
މިއީ އައިލެންޑް ފިޝަރީޒް ކޮމްޕެނީ އާއި، މާލެ ސިޓީ ކައުންސިލުގެ އިދާރާއާ ދެމެދު 30 މެއި 2013 ގައި ވެފައިވާ އެއްބަސްވުމަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެ އެއްބަސްވުމުގެ ދަށުން 11 ނަންބަރު ކެފޭ، އައިލެންޑް ފިޝަރީޒް ކޮމްޕެނީއަށް ދިހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިން ނަމަވެސް ތަން ހަވާލުކޮށްފައިނުވާތީ ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް 20 އޮގަސްޓް 2015 ގައި އެތަން އައިލެންޑް ފިޝަރީޒް ކޮމްޕެނީއާ ހަވާލުކުރިއެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނު އޭރު އޮންނަ ގޮތުން، އޭރުގެ ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން 31 މެއި 2016 ގައި އެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ނިންމައި އެތަން ހުސްކުރުމަށް އެންގިއެވެ.
އެ ނިންމުމާ ގުޅިގެން، ހައުސިން މިނިސްޓްރީގެ އެ އެންގުމަކީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާއި، ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފު އެންގުމެއް ކަމަށްބުނެ އެ އެންގުން ބާތިލުކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީގެ މައްޗަށް އައިލެންޑް ފިޝަރީޒްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު، އައިލެންޑް ފިޝަރީޒުން އެދިފައިވާގޮތަށް އެތަން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ހައުސިން މިނިސްޓްރީން ބާތިލުކުރީ އެ އެއްބަސްވުމާއި ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ހައުސިން މިނިސްޓްރީގެ އެންގުން ސިވިލް ކޯޓުން ބާތިލުކުރިއެވެ.
ސިވިލް ކޯޓުގެ އެ ހުކުމަކީ ގާނޫނީ ހަމަތަކާ އެއްގޮތް ހުކުމެއް ނޫން ކަމަށްބުނެ ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ހުކުމް ކުރިއެވެ. އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން އެތަން އައިލެންޑް ފިޝަރީޒްއާ ހަވާލުކުރުމަށް އަމުރު ކޮށްދިނުމަށާއި، އެއްބަސްވުމާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަށް، ޒިންމާ ވާންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި، ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން، އައިލެންޑް ފިޝަރީސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
ނަމަވެސް އެ މައްސަލައަށް އިންކާރުކޮށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ މައްސަލައަކީ ސިވިލް ކޯޓުން ގޮތް ނިންމައި، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާތީ، އެއީ ނިހާއީ ވެފައިވާ ހުކުމެއް ކަމަށެވެ. އަދި އެއީ މި މައްސަލައިގައި މީގެ ކުރިން ދެ ކޯޓުން ނިންމި މައްސަލައިގެ މައުލޫއާ ގުޅުންހުރި މައުލޫއެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ މައްސަލަ އަލުން ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި މި މައްސަލަ ބެލުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބަލައި ސިވިލް ކޯޓުގެ ގާޒީ އަހުމަދު ނިމާލް ޖުނައިދު އިއްޔެ ކުރި ހުކުމުގައި ވަނީ އައިލެންޑް ފިޝަރީޒުން ހުށަހަޅާފައިވާ ދައުވާ ބެލުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ބެލެވެން ނެތް ކަމަށެވެ.
އެހެންކަމުން މި ދައުވާ ކުރިއަށްގެންދިއުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު