މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނަގަމުން އައި ރޭޓު ބޮޑުކުރި ފުރަތަމަ މަހުވެސް ދައުލަތަށް ލިބުނު އާމްދަނީ ދެ ގުނައަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ދެ ބިލިއަން ރުފިޔާއަށްވުރެ އިތުރު އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.3 ބިލިއަންގެ އާމްދަނީއަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް މިދިޔަ މަހުގެ އެކަކުން ފެށިގެން ޖީއެސްޓީގެ ރޭޓުތައް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އާންމު ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓޫރިޒަމް ޖީއެސްޓީ 16 ޕަސެންޓަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާއެކު ޓެކުހުން އެކަނިވެސް ޖެނުއަރީ މަހު ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އޭގެ ތެރެއިން ބޮޑު ބައެއް ޖީއެސްޓީން ހިއްސާކުރާ އިރު، ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖީއެސްޓީ އާއި ޓީޖީއެސްޓީއަށް 436 މިލިއަން ލިބުނު ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 863 މިިލިއަނަށް އިތުރުވެފައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރި ފައިދާއިން ނަގާ ޓެކުހަށެވެ. އެއީ 676 މިލިއަން ރުފިޔާއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން އެހެން އާމްދަނީއަށް މިދިޔަ މަހު 245 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި 5.2 މިލިއަން ރުފިޔާ އަދި ކެޕިޓަލް ރިސިޕްޓްއަށް 1.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިނިސްޓްރީން ލަފާކުރާ ގޮތުގައި މިއަހަރު ދައުލަތުގެ އާމްދަނީއަށް ޖުމުލަ 32 ބިލިއަން ރުފިޔާ ލިބޭނެއެވެ. އޭގެ ތެރެއިން ޖީއެސްޓީއާއި ޓީޖީއެސްޓީން 13.2 ބިިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ. އެއީ މިދިޔަ އަހަރު ޖީއެސްޓީއާއި ޓީޖީއެސްޓީން ލިބުނު އާމްދަނީއަށްވުރެ 3.6 ބިލިއަން އިތުރު އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު