އިންޑިއާއަކީ އެ ގައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެ ފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ, އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމު ކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ, ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުން ބޮޑު އުދަނގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަހުމަތްތެރިޔާ ކަމަށެވެ.
އިންޑިއާގެ ގާނޫނުއަސާސީއަށް ތައުރީފު ކުރައްވައި ރައީސް ވިދާޅުވީ, އެ ގާނޫނުއަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަސައްވުރަކީ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.
އަދި އިންޑިއާގެ ގާނޫނުއަސާސީން އެ ގައުމުގެ ސިޔާދަތާއި ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ކަމަށާއި އިންޑިއާގެ ކާމިޔާބީގައި އެ ގައުމުގެ ގާނޫނުއަސާސީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ, އިންޑިއާގެ އެންމެހައި ކަންކޮޅުތަކެއްގައި، އަދުލުވެރި އަދި ޝާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީވެސް އިންޑިއާގެ ގާނޫނުއަސާސީންނާއި އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
އަދި ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމައުގައި ނަމޫނާ ހަމަހަމަކަމެއް ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން ދުނިޔެއަށް ދައްކައިދެމުން އަންނަކަމުގައި ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު