ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 ޕަސެންޓް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި އާ ހާބަރު ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 ޕަސެންޓްވެސް ނިމިފައިވާ ކަމަށެވެ.

ޖުމުލަ 47.01 މިލިއަން ރުފިޔާގެ މި މަޝްރޫއު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 30،933 ކިއު ބިކް މީޓަރުގެ ހާބާ ބޭސިން ފުންކުރުމާއި 5،085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ޗެނަލް ފުންކުރުމާއި 181 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 392 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި ޕޭވްމަންޓެއް ހެދުމާއި ސްކޯރިން އޭޕްރަންއެއް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.