ރާއްޖޭގެ ދެ ރަށެއްގައި މިހާރު ދުވާލު ގަޑީގައި ޖެނެރޭޓަރުތައް ނިއްވާލެވުނަސް، މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން ނުވަ ރަށެއްގައި ދުވާލު ޖެނެރޭޓަރުތައް ނިއްވާލެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ދެ އަތޮޅެއްގެ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަކީ ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައި އޮންނަ ގައުމެއްކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަކީ ރާއްޖެ ފަދަ މުޅިންހެން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް މުހިންމު އަދި މިއަދު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ޝައުނާ ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި އަވިން ހަކަތަ އުފެއްދުމުގެ އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި ހަކަތަ އުފެއްދޭނެ އިތުރު ވަސީލަތްތައް ޓެސްޓު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތު ނ. މަނަދޫގައި ވައިން ހަކަތަ އުފެއްދުމަށް ޓެސްޓުކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ މައިގަނޑު ބޭނުމަކީ ހަކަތައިގެ ދާއިރާއިން ސަބްސީޑިއަށް ކުރެވޭ ހޭދަ ކުޑަކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"އަލަށް ޓެސްޓު ކުރާ މި ވަސީލަތްތަކާއެކު ރާއްޖޭގެ ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑު ތަނުން ކުރިއަރާނެ. މިހާރު އަޅުގަނޑުމެންގެ އިގުތިސާދުގެ ދިހަ އިންސައްތަ ހޭދަކުރަން މިޖެހެނީ ތެލަށް. އެކަމަކު މިގޮތުން ހަކަތަ އުފެއްދުމަށް މިހާރު ކުރެވޭ ހޭދަ ބޮޑުތަނުން ކުޑަވެ، އެ ފައިސާ ތަރައްގީގެ އެކި ބޭނުންތަކަށް ބޭނުންކުރުމަށް ހުންނާނެ. މިއީ ނޫންތޯ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާނެ ގޮތް،" އޭނާ ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ރާއްޖެއިން އިއުލާނުކޮށްފައިވާ "ނެޓް-ޒީރޯ 2030" ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރަންވަނީ ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް މުޅިރާއްޖޭގައި 53 މެގަވޮޓުގެ ސޯލާ ޕިވީ ސިސްޓަމްތައް ގާއިމުކޮށްފައިވާއިރު މީގެތެރެއިން 36.5 މެގަވޮޓަކީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކެއް ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ މިހާރު ހިންގަމުންދާ ހަކަތައިގެ މަޝްރޫއުތަކުން ދަށުން ތެލަށް ކުރާ ހޭދައިން ބޮޑު ބަދަލެއް އަންނާނީ ދައުލަތުގެ ބަޖެޓަށްކަމަށެވެ. އަދި ކައުންސިލްތަކާއި އާއްމުންގެ ގޭބިސީތަކުން ކުރާ ހޭދަ ކުޑަކުރެވޭނީ ހޯމް ސޯލާ ޕްލޭން އެފަރާތްތަކުން ގާއިމުކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.
ސައިދު ވިދާޅުވީ އަތޮޅުތެރޭގެ ގޭގޭގެ ފުރާޅުތަކުގައި ސޯލާ ޕީވީ ހަރުކޮށް އޭގައިން އެއްމެވޮޓުގެ ހަލަތަ އުފައްދަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ ޖީބަށްވެސް ލުއިވެގެންދާނެ ކަމަށެވެ. އަދި ކަރަންޓުބިލްވެސް ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެން ރައްޔިތުންވެސް އަދި ރަށްރަށުގެ ކައުންސިލްތަކުންވެސް ކޮންމެ ފިކުރެއްގެ ބަޔަކަށްވިޔަސް ސަރުކާރުން ރަށުގައި ހިންގާ މިފަދަ މަޝްރޫއުތަކަށް އެއްބާރުލުން ދޭން. އޭރަށް މިކަމުގެ ހެޔޮ ބަދަލު ރައްޔިތުންނަށް ލިބިގެންދާނެ." އޭނާ ވިދާޅުވިއެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން މިއަދު ސޮއިކުރި އެއްބަސްވުމަކީ ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓު އަވާގެ ބެޓަރި އެނާޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނާޖީ މެނޭޖުމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމެކެވެ. އެ ސިސްޓަމުތަކުގެ ސަބަބުން، އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މަޝްރުއޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު، ސާއޯ ސިއޯ މިންއެވެ.
އެ އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 18.24 މިލިއަން އެމެރިކާ ޑޮލަރެވެ. އެ މަޝްރޫއަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު