ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް އެސްއެސްނެޓްގެ ކޭބަލް ޓީވީގެ ހިދުމަތް ދޭން ފަށައިފިއެވެ.
މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދަމުންދިޔަ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން އެތައް ހާސް ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވެ، އެސްއެސްނެޓްގެ ހިދުމަތް މިހާރު ވަނީ ހޯދަން ފަށައިފައެވެ.
އެސްއެސްނެޓްގެ ހިދުމަތް ފެށުމަށްފަހު އެކުންފުނީގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ އެސްއެސްނެޓްގެ ހިދުމަތް ފޯރުކޮށްދެނީ ދިރާގުގެ ޒަމާނީ އައިޕީޓީވީ / އޯޓީޓީ ނެޓްވޯކާއި ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ. އަދި ދިރާގު ޓީވީ ބޭނުންކުރަމުންދިޔަ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް އެސްއެސްނެޓަށް ބަދަލުނުވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބަދަލުވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ހިދުމަތް ފަށައިގަތުމުގައި ދިމާވާ ކުދިކުދި މައްސަލަތައް ހުންނާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެކަންކަން ހައްލުކޮށް ފުރިހަމަ ހިދުމަތެއް ދެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.
ދިރާގުގެ އައިޕީޓީވީ / އޯޓީޓީ ނެޓްވޯކް މެދުވެރިކޮށް އެސްއެސްނެޓްގެ ހިދުމަތް މުޅި ރާއްޖެއަށް ދިނުމަށް ދިރާގާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދިރާގުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. އަދި އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒުލައިހާ މަނިކެވެ.
މޮންދު ވިދާޅުވީ އެސްއެސްނެޓް ފެށުމާއެކު ރާއްޖޭގެ ކޭބަލް ޓީވީ ހިދުމަތުގެ ދާއިރާއަށް ބޮޑު ބަދަލެއް އަންނަން ފަށާނެ ކަމަށާއި ކޮންޓެންޓުގެ ގޮތުން އެސްއެސްނެޓުން ރާއްޖެއަށް ބޮޑު ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ.
އެސްއެސްނެޓްގެ އަމާޒަކީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ރަނގަޅު ތަޖުރިބާއެއް ފަހިކޮށްދިނުން ކަމަށާއި މަސައްކަތް ކުރާނީ ކަސްޓަމަރުން ނަފުސާނީ ހާސްކަމުން ދުރަށް ގެންގޮސް، އުފާވެރި މާހައުލެއް ގެނެސްދިނުމަށް ކަމަށެވެ. އަދި ދިވެހި ގައުމު ބިނާކުރުމުގައި އެސްއެސްނެޓުން ބައިވެރިވާނެ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.