ޅ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލަސިސް ސެންޓަރުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފިއެވެ.

އެ ސެންޓަރުގެ މަސައްކަތަކީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު އިމާރާތްކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ހާއްސަ ދެ އެނދާއި، އެއް އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެ ގޮތަށް ކަމަށެވެ.

އެ ޑައިލަސިސް ސެންޓަރު ތަރައްގީކުރުމުގެ މަގުސަދަކީ، އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެގޮތުން، އެ ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދައާއި، ހިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް އެ ސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އަންނަ މަހުގެ ތެރޭގައި ހިދުމަތްދޭން ފަށާ އެ ސެންޓަރު އިމާރާތްކުރުމަށް އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.