އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މިހާތަނަށް 60 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް މިހާރު އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީން ބުނެފިއެވެ.
ރިޔާސީ ޕްރައިމަރީއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، އެމްޑީޕީގެ އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީގެ މެންބަރު އަނަސް އަބުދުއްސައްތާރު މިއަދު ވިދާޅުވީ، ޕްރައިމަރީއާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް އޮންލައިންކޮންނާއި، ހޮޓްލައިން މެދުވެރިކޮށް ފުރުސަތު ހުޅުވައިލި ކަމަށެވެ.
އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނި ޖުމުލަ 60 ޝަކުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ "އޮންލައިންކޮށް 50 ޝަކުވާ އަދި ހޮޓްލައިންކޮށް ލިބުނު ދިހަ ޝަކުވާ،" ކަމަށެވެ.
އެ ދެ ގޮތުން ނޫން ގޮތަކަށް ރަސްމީ ގޮތެއްގައި ކޮމިޓީއަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން ކޮމިޓީގެ މެންބަރު އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އިންތިހާބާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އާއްމުކޮށް ހިމެނެނީ، ދާއިމީ އެޑްރެސް ބަދަލުވެފައިވާ މައްސަލަތައް ކަމަށެވެ.
އޭގެ އިތުރުން ދިމާވި އިތުރު ބައެއް މައްސަލަތައް ފާހަގަކުރައްވައި ވޯޓު ގުނުމަށްޓަކައި ވޯޓު ކަރުދާސްތައް މޭޒުމައްޗަށް އަޅާފައިވަނިކޮށް އެތަކެތި، ބުރުވައިލި މައްސަލަތަކަކާއި ގދ. ގައްދޫ ހިމެނޭގޮތަށް ދެތިން ހިސާބެއްގައި ވޯޓު ފޮށި ފަޅާލައި ވޯޓު ކަރުދާސްތައް އިރައިލި މައްސަލަ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވުނު ކަމަަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން ކަރުދާސްތައް ބުރުވައިލި މައްސަލައިގައި ކަރުދާސްތައް ނަގައި ވޯޓިން ލިސްޓުގައި ހިމެނޭ ވޯޓުލީ މީހުންނާއި ވޯޓު ކަރުދާހުގެ އަދަަދާ ދިމާވާތީ، ކެނޑިޑޭޓުންގެ މަންދޫބުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރި ކަމަށާއި، ގައްދޫ ވޮށީގެ ވޯޓު ކަރުދާސް އިރައިލި މައްސަލައިގައިވެސް މަންދޫބުންނާ ވާހަކަ ދައްކައިގެން އިތުރު ވޯޓު ކަރުދާސް އެ ފޮއްޓަަށް ފޮނުވީ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވޯޓު ކަރުދާސް ދައްކާފައި މީހަކު ވޯޓުލި މައްސަލައަކާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވޯޓުލެއްވީ ޕާޓީން ވަކިކޮށްފައިވަނިކޮށް ކަމަށް ހުށަހެޅި މައްސަލައެއް ހިމެނޭ ކަމަަށްވެސް އިބުރޭ ވިދާޅުވިއެވެ. ނަމަވެސް ފިންގާ ޕްރިންޓް މައްސަލައިގައި، އެމްޑީޕީން ވަކިކުރި މެންބަރުންގެ ތެރޭގައި މެޑަމް ފަޒްނާ ހިމެނިވަޑައިގެންނެވި ނަމަވެސް އޭގެ ތެރެއިން އެމްޑީޕީއަށް އަލުން ވެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން 30 ޖުން 2022 ގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި މެޑަމް ފަޒްނާ ރަޖިސްޓްރީވެ ވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާސް ދެއްކި ކަމުގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޮޓޯއިން ފެންނަނީ، ފައްޖަހާފައިވާ ވޯޓު ކަރުދާސްކޮޅެއް ދައްކާލަނިކޮށް ކަމަށާއި، އެ ކަރުދާސްކޮޅަށް ބަލަން މީހަކު ހުއްޓައި އެ ފޮޓޯއިން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 24572 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15631 ވޯޓެވެ.
އަނަސް ވިދާޅުވީ، އެމްޑީޕީގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރުންގެ ތެރެއިން ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ މީހުންގެ 70 ޕަސެންޓް މެންބަރުން ވޯޓުލުމަށް ނުކުތް ކަމަށެވެ. އެއީ ލިބުނު ވަރށް ބޮޑު ކާމިޔާބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު