އަލަށް ކޭބަލްޓީވީގެ ހިދުމަތް ފަށާ ސަން ސިޔާމް ނެޓްވޯކް (އެސްއެސްނެޓް) އިން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅައިފިއެވެ.
އެސްއެސްނެޓުން ހާމަކުރި ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި މިހާތަނަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ބްރޯޑްކޮމުން ވަނީ ފާސްކޮށްދީފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލަމުންދާ ސޮނީއާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ، ސްޓިންގްރޭ، ލަވްނޭޗާ ފޯކޭ، އައުޓްޑޯ އަދި ޒޫމޫ ފަދަ ދިވެހީންގެތެރޭގައި މަޝްހޫރު ޗެނަލްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން އެސްއެސްނެޓްގެ ހިދުމަތް މިރޭ ދަންވަރު ފެށެންވާއިރަށް ބްރޯޑްކޮމުން ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެ ކަމަށް. މިހާތަނަށްވެސް ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓަރުންނަށް ފަހިވާނެ އަދި ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކޮށްދެއްވާފައި. ދިރާގުޓީވީ މިރޭ 12:00 ގައި ހުއްޓާލާއިރު އެސްއެސްނެޓްގެ ހިދުމަތް ދިރާގުޓީވީ ނެޓްވޯކްގެ ތެރެއިން ފެށިގެންދާނެ. ދިރާގުޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފައި. އެހެންވީމަ މި އުއްމީދުކުރަނީ މިހާރު ހުށަހަޅާފައިވާ ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެ ކަމަށް." މޮންދު ވިދާޅުވިއެވެ.
އެސްއެސްނެޓުން ފެންނާނެ ހަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލްޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނޭއިރު ވިޔަފާރީގެ ހަބަރާއި މައުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބާގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެއެވެ.
އަދި ކުޑަކުދިންގެ މަގުބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވޯކް، ނިކަލޯޑިއަން، ކާޓޫން ޗެނަލްގެ އިތުރުން ސްޓާއާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވޯލްޑާއި ކޮމެޑީ ސެންޓްރަލްއާއި ކަލާސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެއެވެ.
މީގެ އިތުރުން މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ގުރްއާނާއި ސައުދިއަރަބިޔާގެ އެހެން ޗެނަލްތައް ހިމެނޭ ކަމަށް އެސްއެސްނެޓުން ބުންޏެވެ.
އެސްއެސްނެޓުން އިތުރަށް ބުނީ ބްރޯޑްކޮމުން ހުރިހާ ޗެނަލެއް ފާސްކޮށްދީފިނަމަ އެސްއެސްނެޓްގެ ހިދުމަތް ފެށޭއިރު ޖުމުލަ 119 ޗެނަލް އެސްއެސްނެޓް ފަށާ ދުވަހުވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެއެވެ. އަދި އާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.