އެމްޑީޕީއަށް މަގުން ކައްސާލައިގެން ދެވެން ނެތް ކަމަށާއި މުސްތަގުބަލަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ އެމްޑީޕީގެ މުސްތަގުބަލު ކަނޑައެޅުމަށް ނަގާ ވޯޓެއް ކަމަށާއި ވޯޓުލުމުގައި އެކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
"އެމްޑީޕީއަށް މިއަދު މަގުން ކައްސާލައިގެން ދެވޭކަށް ނެތް. ރައީސް އިބޫ މި އިންތިހާބު ކާމިޔާބުކުރައްވަން މަސައްކަތްކުރައްވާ އިރުގައި، އެމަނިކުފާނާއެކު ނުކުމެ އަޅުގަނޑުމެންގެ އެމްޑީޕީގެ މި ރީނދޫ ލަޝްކަރު މިކަން އެމަނިކުފާނަށް ކާމިޔާބުކޮށްނުދިނުމަކީ މިއަދު ޗޮއިސްއެއް ނޫން. އެކަން އަޅުގަނޑުމެން މިއަދު ކުރަންޖެހޭ. މި ޕާޓީގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން އެކަން ކުރަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅަކީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރެއްވުން ކަމަށާއި އެކަންކަން ހުއްޓުމަކަށް ގެނެވެން ނެތް ކަމަށެވެ. އަދި ރައީސް ސޯލިހު ގެންދަވަނީ ފާއިތުވެގެންދިޔަ 50 އަހަރުވެސް ނުދެކޭހާ ތަރައްގީ މުޅި ރާއްޖެއަށް ގެނެސްދެއްވަމުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިކަން ހުއްޓުމަކަށް ގެނެވޭކަށް ނެތް. އަޅުގަނޑު ރާއްޖެއިން ބޭރު ގައުމުތަކަށް ދިޔައީމާ ވަރަށް ގިނައިން ކުރާ ސުވާލެއް، ދިވެހިރާއްޖެ ހާދަ ރަނގަޅަށޭ ކޮވިޑު މެނޭޖު ކުރީ، ކަލޭމެންގެ އިގުތިސާދު މިހާރު ތިދަނީ އަރައިގެންނޭ. ޓޫރިސްޓުން ރާސްރާފައި އަންނަން ފެށީއޭ. ކޮބާހޭ ކަލޭމެން ކުރި ކަމަކީ. އަޅުގަނޑު އެބޭފުޅުންނަށް ދޭ ޖަވާބަކީ މި އިންނެވި ރައީސް އިބޫ ސޯލިހޭ އަޅުގަނޑުމެންގެ ސިއްރަކީ. މި ކޮވިޑުގެ ތެރޭގައި މާތް ރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި އެންމެ ރަނގަޅު ނިއުމަތަކީ ހެޔޮލަފާ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް. އެއީ އަޅުގަނޑުމެންނަށް ކޮވިޑުން އަރައިގަނެވުނު ސަބަބަކީ،" އޭނާ ވިދާޅުވިއެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ހޮވަން ޖެހެނީ އެމަނިކުފާނު ހޮވައިގެން ނޫން ގޮތަކަށް އެމްޑީޕީއަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެން ނެތުމުން ކަމަށާއި އެންމެންވެސް މަސައްކަތްކުރަންވީ އެމަނިކުފާނު ހޮވުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު