އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރާ ރަސްމީ ލިޔުންތައް މުއްދަތު ހަމަވެފައިވާ ނަމަ އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދަތުރުނުކުރެވޭނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަނުން ބޭނުންކުރާ ލިޔުންތަކުގެ ތެރޭގައި އައިޑީ ކާޑާއި، ޕާސްޕޯޓު، ވޯކް ވިސާ ކާޑު، ލައިސެންސް ކާޑު، އެއާޕޯޓު ސެކިއުރިޓީ ފާހުގެ އިތުރުން ސަރުކާރުގެ އިދާރާއަކުން ފޮޓޯއާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ރަސްމީ ލިޔުންތައް ހިމެނެއެވެ.

މިހާރު މުއްދަތު ހަމަވެފައިވާ ލިޔުންތައް ބަލައިގަންނަމުންދިޔަ ނަމަވެސް މޯލްޑިވިއަނުން މިއަދު ބުނީ މީގެ އެއްވެސް ލިޔުމެއް މުއްދަތު ހަމަވެފައިވާނަމަ އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓު އަދި އެހެނިހެން ރަސްމީ ލިޔުންތައް ބޭނުންކޮށްގެން ދަތުރުކުރެވޭ ގޮތް ހަދާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން، އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރާ ލިޔެކިޔުން ހޯދުމަށް ދަތިތަކެއް މެދުވެރިވެ، އެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ލިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރު ކުރާ ފަރާތްތަކަށް ޗެކިން ކުރުމަށާއި، ސެކިއުރިޓީ ޗެކް ޕޯސްޓުތަކުގައްޔާއި، ކާކުކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭގޮތަށް ހުއްދަ ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ހުއްދަ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން ބާތިލުވާނެ ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ ސާކިއުލާގައި އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް ހުރިހާ އެއާލައިނަކަށް ޑިފެންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.