ފަސް މީހުންނާ އެކު ދަތުރުކުރި ސަފާރީއެއް ތ. މަޑިފުށީ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތ. ދިޔަމިނގިއްޔަށް ދަތުރުކުރި "ރެޑްމޫން' ކިޔާ ސަފާރީއެއް، މަޑިފުށީ ފަރަށް ރޭ 7:40 ހާއިރު އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ސަފާރީ ފަރަށް އަރައި ބީހުމުގެ ސަބަބުން އޭގެ ބަނޑުފިލައިގެ ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ސަފާރީ ފަރަށް އެރިއިރު އޭގައި ދަތުރުކުރަމުންދިޔައީ ފަޅުވެރީން އެކަންޏެވެ. އެ އެންމެންގެ ހާލު ރަނގަޅުކަމަށާއި މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަޑިފުށީ ފަރަށް އެރި ސަފާރީ އަދިވެސް ފުންކުރެވިފައެއް ނުވެއެވެ.