ގއ. ދާންދޫ މަސް ދޯންޏެއް ކަނޑަށް ބިންދައިގެން ހިނގައްޖެއެވެ.

ދާންދޫ "ފަހިރޯދި" ދޯނި މެދުން ބިންދައިގެން ދިޔައީ ރޭ ފަތިހު ދާންދޫއާ އަށެއްކަ މޭލު ބޭރުން ހުވަދޫ ކަނޑަށެވެ.

އެ ދޯންޏަށް އެހީތެރިވި ގއ. ކަނޑުހުޅުދޫ، "ބޮތިން" ދޯނީގެ ކެޔޮޅު ރަޝީދު އަބްދުﷲ "ވަން" އަށް މިއަދު ބުނީ ފަހިރޯދި ބިންދައިގެން ދިޔައީ ކަނޑުގަދަވެގެން ކަމަށް ދޯނީގެ ތިބި މީހުން ބުނި ކަމަށެވެ.

"އަޅުގަނޑުމެންވެސް ދިއްލައިގެން ތަންކޮޅެއް ދުރުގައި ތިއްބާ ފަހިރޯދި ބިންދައިގެން ދިޔަ ހަބަރު ލިބުނީ. އޭރު ސީ ކިންގް ދޯނި އޮތީ އެ ދޯނި ކައިރީގައި. ދެން އެއަށް ވަގުތުން މީހުން ނަގާލި. އެއްވެސް މީހަކަށް އިރާދަކުރެއްވީތީ އަނިޔާއެއް ނުލިބޭ," އޭނާ ބުންޏެވެ.

ދޯނީގައި ހުރި މީހަކާ ހަވާލާދީ ރަޝީދު ބުނީ ދޯނި ބިންދައިގެން ދިޔައިރު، ދޯނީގައި 19 މީހުން ތިބި ކަމަށެވެ. އަދި ދޯނި މިހާރު ދާންދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.