ފުވައްމުލައް ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ސިޓީގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ފުވައްމުލައް ސިޓީއަށް ކުރީ ސަރުކާރުތަކުން ކޮށްދީފައި ހުރި ބައެއް ކަންކަން އަލުން ބަލުން ކުރަން ޖެހުނު ކަމަށާއި އެގޮތުން އެ ސިޓީގެ ނަރުދަމާގެ ނިޒާމުގެ ކަންކަން ބޮޑު ހަރަދުކޮށްގެން މި ސަރުކާރުން އަލުން ކޮށްދީފައިވާ ކަމަށެވެ.

އަދި ފުވައްމުލައް ސިޓީގެ މަގުތައް ހަދަމުން އަންނައިރު، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށާއި ފުވައްމުލައް ހޮސްޕިޓަލު ބޮޑުކުރުމުގެ މަޝްރޫއުވެސް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"...ދެން އޮތީ ހިދުމަތްތައް އިތުރުކުރުން. އިރާދަކުރެއްވިއްޔާ ތިބޭފުޅުން ބޭނުންވާ ގޮތަށް އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން. ދެން އޮތީ އާ ހޮސްޕިޓަލެއް އެޅުން," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުވައްމުލައް ސިޓީގެ މަސްވެރިން ބާނާ މަސް ރަށަށް ގަތުމުގެ ކަންކަން ކުރިން ކުރަމުން އައީ ޕްރައިވެޓް ސެކްޓާއިން ކަމަށާއި ނަމަވެސް ސަރުކާރަށް އެކަން ނެގުމަށްފަހު އެކަން ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ބަނދަރަށް އިތުރުކުރެވޭނީ ކިހާ ޖާގައެެއްތޯ ބެލުމުގެ ސާވޭއެއް ހެދުމަށްފަހު، ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.