މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ ހާއްސަ އަސްކަރީ ތަމްރީނުތަކުގެ ދަށުން ހަތިޔާރު ބޭނުންކޮށްގެން ތަމްރީނެއް ބާއްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ގަމުގައި ކުރިއަށްގެންދާ ތަމްރީނުތައް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ދަންވަރު 12:00 ޖަހަންދެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ.

  • ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
  • ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން

ތަމްރީނެއް ހަދަން މެރިންކޯގެ ސިފައިން ހަތިޔާރާއެކު އައްޑޫގައި ހަރަކާތްތެރި ވާން ފެށި ކަމަށް މިދިޔަ ޑިސެމްބަރު އައްޑޫ ސިޓީ ކައުންސިލުން އިއުލާނެއް ކުރިއެވެ. އެ ތަމްރީނުތައް އަންނަ އޭޕްރީލާ ހަމައަށް ދެމި އޮންނާނެ ކަމަށްވެސް ބުންޏެވެ.

އައްޑޫގައި ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށްގެންދާއިރު، އައްޑޫގައި ދޭން އުޅުނު ޓެރަރިޒަމް ހަމަލާއެއްގެ ތުހުމަތަށް 14 މީހަކު ހައްޔަރުކޮށް ގޮވާ ޒާތުގެ ތަކެތިވެސް ހޯދައިފައިވެއެވެ. އޭގެ ފަހުންވެސް ވަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރެއް ދީފައެވެ.