އަލްޖީރިޔާގައި މިހާރު ކުރިއަށްދާ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕްސީން ގާނާ އާއި މަޑަގަސްކަރަ ކުއާޓަރ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.
މި ގްރޫޕްގައި ހިމެނޭ މޮރޮކޯ އެންމެ ފަހުވަގުތު މުބާރާތުގައި ވާދަކުރަން އަލްޖީރިޔާއަށް ޓީމެއް ނުފޮނުވުމުން މޮރޮކޯ ކުޅެންޖެހޭ ކޮންމެ މެެޗެއްގެ ތިންޕޮއިންޓާއި ފައިދާ ތިންގޯލް އިދިކޮޅު ޓީމަށް ދޭން އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ ނިންމައިފައެވެ. ބުރާސްފަތި ދުވަހުގެ ރޭ މަޑަގަސްކަރަ އާއި މޮރޮކޯ ކުޅެން ހަމަޖެހިފައިއޮތް މެޗު މި އުސޫލުގެ ދަށުން މަޑަގަސްކަރައަށް ލިބުމުން އެޓީމަށް މިހާރުވަނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ މި ގްރޫޕްގައި ގާނާ އާއި ސޫދާން ބައްދަލުކުރި މެޗު ތިނެއް އެކަކުން ކާމިޔާބުކޮށް ގާނާވެސް ވަނީ ކުއާޓަރ ފައިނަލްގެ އުންމީދު އައުކޮށްފައެވެ. ގާނާއަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގްރޫޕުން ކުއާޓަރ ފައިނަލަށްދާނެ ދެ ޓީމު މުޅިން ކަށަވަރުވާނީ މަޑަގަސްކަރަ އާއި ސޫދާން ބައްދަލުކުރާ މެޗަށްފަހުއެވެ. ސޫދާން މޮޅުވެއްޖެނަމަ ހަ ޕޮއިންޓާއެކު ތިން ޓީމެއް އެއްވަރުވާނެއެވެ. ދެން ބަލަންޖެހޭނީ ފައިދާ ގޯލަށެވެ.
ގްރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ޔޫގެންޑާއާ ވާދަކޮށް ވަރުގަދަ ސެނެގޯލް ވަނީ އެކެއް ސުމަކުން ބަލިވެފައެވެ. މި ގްރޫޕްގައި ޑިމޮކްރަޓިކް ކޮންގޯ އާއި އައިވަރީ ކޯސްޓް ކުޅުނު މެޗު ނިމުނީ ސުމެއް ސުމަކުން އެއްވަރުވެގެންނެވެ. ކޮންމެ ބަޔަކުވެސް މިހާތަނަށް ދެ މެޗު ފުރިހަމަކުރިއިރު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޔޫގެންޑާއެވެ. ސެނެގޯލަށް ތިން ޕޮއިންޓެވެ. ޑިމޮކްރަޓިކް ކޮންގޯއަށް ދެ ޕޮއިންޓެވެ. އައިވަރީކޯސްޓަށް އެއްޕޮއިންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު