ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޖައިޝަންކަރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ.

ފޮރިން މިނިސްޓްރީން ބުނީ, ޖައިޝަންކަރުގެ މި ދަތުރުގައި ައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މި ދަތުރުގައި ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހއ. އުތީމަށް ވަޑައިގެން އެ ރަށުގައި ހުރި ބައެއް އާސާރީ ބިނާތައް ބައްލަވާލައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ އެގްޒިމް ބެންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން 136.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެ މަޝްރޫއު ހަވާލުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު މިދިޔަ ސެޕްޓެމްބަރު 25ގައި ވަނީ ސޮއިކޮށްފައެވެ.