ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތް ބައެއް ބޭފުޅުން މިއަދު ހަނދާނުގައި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވި އިރު، ރާއްޖޭގެ އިގުތިސާދު ދަށަށް ދިޔައީ ކޮވިޑްގެ ސަބަބުން ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނުގެ ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވަނީ، ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމާ ގުޅިގެން އެޅި ފިޔަވަޅުތައް ކަމުނުދާ ކަމަށާއި ޓެކްސް ބޮޑުކުރަން ޖެހުނީވެސް ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފައެވެ.

"ކޮވިޑާ ގުޅިގެނެއް ނޫން ޓެކްސް ބޮޑުކުރަން ޖެހުނީ، ޓެކްސް ބޮޑުކުރަން ޖެހުނީ، ސަރުކާރުގެ ދަރަނި ބޮޑުވީ ޕްރޮޖެކްޓުތައް ހިންގުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލައި ނުލައި ފަސްގަނޑު ޖެހުމުން ނުފޯރާފޮތިން ފޫގެޅި ކަމުން،" މަލާމާތުގެ ގޮތަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ފަށައި، ނިމި އަނެއްބައި ކަންތައްތައް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮތީ، ވެރިކަމުގެ ފަހު އަހަރުގައި ނުފަށާ އެއްވެސް މަސައްކަތެއް ނުބޭއްވުން ކަމަށްވެސް ވިދާޅުވިއެވެ.

"...ނަމަވެސް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާއާއެކުގައި އަޅުގަނޑުމެންނަށް ބައެއް ކަންތައްތައް މަޑުޖައްސާލަން ޖެހުނު. ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް އޭރު ދެމުން އައީ ކުރިމަތިވި އާލަމީ ވަބާއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް އަނބުރާ ގެނެސްދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އިރާދަކުރެއްވިއްޔާ އެ ވިސްނުމާއެކީގައި އަޅުގަނޑުމެން ކުރި މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ

އެމަނިކުފާނު ވިދާޅުވީ ކޮވިޑުން އަރައިގައުމަށް ރާއްޖޭން ކުރި މަސައްކަތްތަކަކީ ދުނިޔެ ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. އަދި ވަރަށް ގިނަ ގައުމުތަކުން ރާއްޖެއިން އެކަން ކުރި ގޮތް ހޯދާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެ ހަނދާނެއް (ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރި ކަމެއް) މިއަދަކު ނެތް. ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާންމު ހާލަތުގައި އުޅުނު ކަމަށް ދެކެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަދޭ. އެހެން ނަމަވެސް މި ލިބުނު ގާތްގަނޑަކަށް ދެ އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން ފަސް އަހަރު ތެރޭ ނުކުރާހާ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވިއްޖެ," ރައީސް ވިދާޅުވިއެވެ.