ރ. ކިނޮޅަހުން ގެއްލިގެން ހޯދަމުންދިޔަ މީހަކު ފެނިއްޖެއެވެ.
ކިނޮޅަސް ކައުންސިލުގެ ރައީސް އަހުމަދު ހުސެއިން "ވަން" އަށް މިރޭ ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔައީ އެރަށު ނަޝީރު ހަސަން ކިޔާ މީހެއް ކަމަށާއި އޭނާގެ އުމުރުން 45 އަށްވުރެ މަތިވާނެ ކަމަށެވެ. ނަޝީރު ގެއްލިފައިވަނީ މިރޭ 8:00 ގެ ފަހުން ކަމަށް އަހުމަދު ހުސެއިން ވިދާޅުވިއެވެ.
އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ކަނޑުން ފެނިގެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި ކަނޑުން ނަގައިގެން އޭނާ ގެންދިޔައީ ރ. މީދޫ ސިއްހީ މަރުކަޒަށް ކަމަށެވެ.
އެކަމާ ގުޅޭގޮތުން މީދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަރީފު "ވަން" އަށް މިރޭ ބުނީ، ނަޝީރުގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުގެ ފަރާތުން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށާއި އޭނާ ކަނޑުން ފެނުނު ވަގުތާއި ސިއްހީ މަރުކަޒަށް ގެންދިޔަ ވަގުތެއް އަދި ސާފުނުވާ ކަމަށެވެ.
ނަޝީރާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ކިނޮޅަސް ކައުންސިލުގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ، މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ނަޝީރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށާއި އޭނާއަކީ ޑިޕްރެޝަނަށް ބޭސް ކަރަމުން އަންނަ މީހެއް ކަމަށެވެ.
"އެކަމަކު މިއަދު އޭނާގެ އުޅުން ވަރަށް އާދަޔާހިލާފު. މިއަދު ވަރަށް ގިނައިން ސުސައިޑް ތޯޓްސް އައިސްގެން އެ ވާހަކަ މީހުން ކައިރީ ދެއްކި. ފޯނާއެކު ތިން ފަހަރު މޫދަށް އެރި ހުއްޓައި ބަޔަކަށް ފެނިގެން އޭނާ ވަނީ އެއްގަމަށް އަރުވާފައި،" އަހުމަދު ހުސެއިން ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ބުނީ، ޗެކް ކުރުމަށްފަހު މައުލޫމާތު ދޭނެ ކަމަށެވެ. ނަމަވެސް ފަހުން ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު