އެއްވެސް ކަމެއް ނުކޮށް ގޭގައި ހުންނަވަން ވަރަށް ފަސޭހަފުޅު ކަމަށާއި ނަމަވެސް އަލުން ވެރިކަމަށް ކުރިމަތިލައްވައިގެން ނުކުމެވަޑައިގަތީ އެމްޑީޕީން ވީ ވައުދުތައް ފުއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީ، މަރަދޫ-ފޭދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ ސުލްހަޔާ ހަމަޖެހުން ރާއްޖޭގައި ގާއިމުކުރުމަށް ކަމަށެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އެތެރޭގެ އިންތިހާބެއް ނަމަވެސް އެ އިންތިހާބަކީ ބޮޑު އިންތިހާބެއް ކަމަށާއި އިންތިހާބުގައި ގޮތް ނިމިގެންދަނީ އެމްޑީޕީއަށް ވެރިކަން ދޭނީތޯ ނުވަތަ ނޫންތޯ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީއަށް އެކަނި ނުކުމެ ވެރިކަން ނުލިބޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ ތާއީދު އޮތް މީހަކަށް ކަމަށެވެ. އަދި އެ ތާއީދު ހޯދޭނެ ބޭފުޅަކަށް އެމްޑީޕީގައި ހުންނެވީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.
"ވަރަށް ފަސޭހަ އެއް ދުވަހުން ނިންމާފައި ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލީހުގައި 25 އަހަރު އުޅެފިން. ރިޔާސީ ދައުރެއް ނިމެނީ. ދެން ކީއްކުރަންތޯ؟ އެހެން ނަމަވެސް ޕާޓީއަށްޓަކައި އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގައި މީގެ ކުރިން ކަންތައްތަކެއް ކޮށްދީފައި ހުރީ ވަގުތީ މަންފާއަށް ކަމަށާއި ނަމަވެސް އެ މަނިކުފާނު އައްޑޫ ސިޓީއާ މެދު ގެންގުޅުއްވަނީ ޕްލޭނެއް އޮތް ތަސައްވަރެއް ކަމަށެވެ. އަދި އެކަމަށް ދުވަސް ނަގާނެ ކަމަށާއި އެގޮތުން ބަނދަރު ހެދުމާއި މަގުތައް ހެދުމާއި ފެނާއި ނަރުދަމާއާއި އެނޫންވެސް އުމްރާނީ މަސައްކަތްތައް އައްޑޫގައި ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް މިހާރު ހުރީ ފަށާފައި ކަމަށާއި ދެވަނަ ދައުރެއް އެ މަނިކުފާނަށް ދޭން ޖެހެނީ، އެ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އަދި ކަމެއް ނިންމޭނީ އެކަން ފެށި ބަޔަކަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު