ދުނިޔެ

ދުނިޔޭގެ ޝަޚުސިއްޔަތު: ހުންސެންގެ ބޮޑުވަޒީރުކަމަށް އިއްޔެ ފުރުނީ 38 އަހަރެވެ.

އިމާދު ލަތީފު

ދެކުނުއިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުންސެން ރަސްމީ ދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ވަނީ ހުކުރު ދުވަހު އިއުލާންކޮށްފައެވެ. ބޮޑުވަޒީރު ހުންސެން ރާއްޖޭގެ ފަސްގަނޑުގައި ފައިންޕުޅު ބީއްސަވައިލައްވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރުކަމަށް އޭނާ ވަޑައިގެންނެވިތާ 38 އަހަރާއި އެއްދުވަސް ފަހުންނެވެ. އިއްޔެއަކީ ހުންސެންގެ ބޮޑުވަޒީރުކަމަށް 38 އަހަރު ފުރުނު ދުވަހެވެ. މިވަގުތު ދުނިޔޭގެ އެކި ގައުމުތަކުގެ ބޮޑުވަޒީރުންގެ ތެރެއިން މަގާމުގައި އެންމެ ގިނަދުވަސްވީ ބޭފުޅަކީ ހުންސެން އެވެ. ބޮޑު ތަނުންނެވެ. މިހާރު އުމުރުފުޅުން 71 އަހަރުވީ ހުންސެން ކެމްބޯޑިއާގެ ބޮޑުވަޒީރުކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 14 ޖެނުއަރީ 1985 ގައެވެ. އޭގެފަހުން އެތާގެ ރައްޔިތުން އެހެން ވެރިޔަކު ނުދެކެއެވެ.

ދުނިޔޭގެ ގައުމެއްގައި މިވަގުތު ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާތާ އެންމެ ދުވަސްވީ ލީޑަރަކީ ކެމްބޯޑިއާގެ ހުންސެން ކަމަށްވިއަސް ބޮޑުވަޒީރުގެ މަގާމުގައި އެންމެ ގިނަދުވަސް ހޭދަކުރެއްވުމުގެ ދުނިޔޭގެ ރިކޯޑު އޮތީ އަދި އެހެން ބޭފުޅަކަށެވެ. އަރަބި ގައުމެއް ކަމަށްވާ ބަހުރޭނުގެ ކުރީގެ ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އާލްޚަލީފާއަށެވެ. އިނގިރޭސީންގެ އަތްދަށުން 1971 ވަނަ އަހަރު ބަހުރޭނަށް މިނިވަންކަން ލިބުނުއިރު ބޮޑުވަޒީރު ކަމުގައި ހުންނެވީ އޭނާއެވެ. މިނިވަންކަން ލިބުނީވެސް ބޮޑުވަޒީރުކަން ކުރައްވާތާ އަހަރަކަށްވުރެ ގިނަދުވަސްވީފަހުންނެވެ. މީގެ ދެއަހަރު ކުރިން 2020 ވަނަ އަހަރުގެ ނޮވެމްބަރު އެގާރައިގައި އަވަހާރަވުމާ ހަމައަށްވެސް ހުންނެވީ އެ މަގާމުގައެވެ. އެހެންވީމާ ބައިގަރުނަށް އޭނާ ވަނީ ބަހުރޭނުގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ.

ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ހުންސެން މިހާތަނަށް ދުނިޔޭގެ މިނިވަން ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގައުމުތަކަށް ޒިޔާރަތް ކުރައްވައިފައެވެ. ދުނިޔޭގެ ހުރަހަށާއި ދިގަށް ދަތުރު ކުރެއްވުމަކީ ވަރަށް ގިނައިން ކުރައްވާ ކަމެކެވެ. ހުސްވި ދެހާސްބާވީސް ވަނަ އަހަރުގެ ފަހުކޮޅުވެސް އެމެރިކާ، ކިއުބާ، ޖަޕާން ފަދަ ގައުމުތަކަށް ވަޑައިގެންނެވިއެވެ. ހުންސެންއަކީ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ ކެމްބޯޑިއާގެ ފުރަތަމަ ވެރިޔާއެވެ. މިއީ ކެމްބޯޑިއާގެ ވެރިޔަކު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެހެންކަމަށްވިޔަސް ދެކުނުއިރުމަތީ އޭޝިޔާގެ ވަރަށް ގިނަ އެހެން ގައުމުތަކުގެ ވެރިން ރާއްޖެއަށް ވަޑައިގެންފައިވެއެވެ. މެލޭޝިޔާ، ބުރޫނާއީ، ތައިލެންޑް ފަދަ ގައުމުތަކުގެ ވެރިންނެވެ. ލާއޯސް، ވިއެޓްނާމް އަދި މިޔަންމާގެ ވެރިޔަކު ވަޑައިގެންފައެއް ނެތެވެ.

ބޮޑުވަޒީރު ހުންސެންގެ ރަސްމީ ނަންފުޅު ކިޔަނީ މިހެންނެވެ. ސަމަޑެކް އައްކާ މޮހާ ސެނާ ޕަޑެއި ޓެކޯ ހުންސެން އެވެ. މީގެ މާނަޔަކީ ލޯރޑް ޕްރައިމިނިސްޓަރ އެންޑް ސުޕްރީމް މިލިޓަރީ ކޮމާންޑަރ ހުންސެންއެވެ. ހުންސެންގެ އެންމެ ކުރީގެ ނަންފުޅަކީ ހުން ބުނާލްއެވެ. ހުން ސެންއަކަށް ބަދަލު ކުރެެއްވީ ކެމްބޯޑިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި 1972 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އުޅުއްވީ ކެމަރޫޖް ޖަމާއަތުގައި ކަމަށްވިއަސް އެޖަމާއަތުގެ ވެރިޔާ ޕޮލްޕޮޓްގެ ވިޔާނުދާ ސިޔާސަތާ ދެކޮޅު ހައްދަވައި ފަހުން ގުޅިވަޑައިގެންނެވީ ކެމަރޫޖުގެ ވެރިކަން ވައްޓާލުމުގެ ހަރަކާތާއެވެ. ވާގިވެރިވަމުންދިޔައީ ވިއެޓްނާމުންނެވެ. ހުންސެންއަކީ މިލިޓަރީ ކޮމާންޑަރަކަށްވިޔަސް ޑިޕްލޮމަސީގެ ހުނަރުތައް ބައިވަރެވެ. އުމުރުފުޅުން އެންމެ 26 އަހަރުގައި ޚާރިޖީވަޒީރުކަން ކުރައްވައިފައިވެއެވެ. އެއީ ދުނިޔޭގެ ރިކޯޑެކެވެ.

ކެމްބޯޑިއާގެ ދާޚިލީ ހަނގުރާމަ ހުންސެންގެ ޖަމާއަތަށް ކާމިޔާބު ކުރެވުނީ ވިއެޓްނާމުގެ އެހީތެރިކަމާއެކުގައެވެ. ވިއެޓްނާމުގެ ލަޝްކަރުތައްވެސް ކެމްބޯޑިއާއަށް އަރައިގެންނެވެ. ޕޮލްޕޮޓްގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ދެން ފެށުނީ ހުންސެންގެ ޖަމާއަތުގެ ވެރިކަމެވެ. ހުންސެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އެމަގާމުގައި ހުންނެވި ޗަންސީ 1984 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ކެމްބޯޑިއާގެ ނެޝަނަލް އެސެމްބްލީން އޭނާ ބޮޑުވަޒީރުކަމަށް އައްޔަން ކުރުމުންނެވެ. ބޮޑުވަޒީރަކީ ގައުމު ހިންގަވާ އެންމެ އިސްވެރިޔާ ކަމަށްވިޔަސް ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރަމްޒީގޮތުން ރަސްކަލަކު ހުންނަވަައެވެ. މިހާރުގެ ރަސްކަލަކީ ނޯޑަމް ސިހަމޯނީއެވެ. މިއީ ކުރީގެ ރަސްގެފާނު ނޯޑަމް ސިހަނޫކުގެ ދޮށީ ދަރިކަލުންނެވެ.

ރަމްޒީ ރަސްކަލަކު ހުންނެވިއަސް ކެމްބޯޑިޔާގެ ހުރިހާ ބާރުތަކެއްގެ ވެރިޔަކީ ހުންސެންއެވެ. ސަރުކާރުގެ ވެރިޔާއެވެ. ސިފައިންގެ ވެރިޔާއެވެ. އިގްތިސާދުގެ ވެރިޔާއެވެ. މިހުރިހާ ބާރުތަކެއްގެ ވެރިޔާގެ ގޮތުން ކެމްބޯޑިއާއަށް ވަރަށް ގިނަގުނަ ޒަމާނީ ބަދަލުތައް އޭނާ ވަނީ ގެންނަވައިފައެވެ. ދާޚިލީ ހަނގުރާމައިގެ ތެރޭގައި ކެމްބޯޑިއާ އޮތީ ވީރާނާވެފައެވެ. ޕޮލްޕޮޓްގެ ވެރިކަމުގައި އޭނާގެ އަމުރަށް ޕްރޮފެޝަނަލް ގިންތީގެ އެންމެން ވަނީ މަރައި ހުސްކޮށްފައެވެ. އެހެންވީމާ ގައުމު އަލުން އާރާސްތުކުރުން ފަސޭހައެއްވެސް ނުވާނެތާއެވެ. ހުންސެންގެ ވެރިކަމުގައި އޭނާގެ އާއިލާގެ ދައުރު ވަރަށް ބޮޑެވެ. ދަރިކަލުން މަނެޓަކީ ސިފައިންގެ ޑިޕިއުޓީ ކޮމާންޑަރެވެ. ބުނެވޭގޮތުގައި ހުންސެންއަށްފަހު ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް ތައްޔާރުގައި ހުންނެވި ބޭފުޅަކީ އެއީއެވެ.