ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ފުލުހުންގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑެމީގައި މިރޭ ބޭއްވި ޕޮލިސް އިނީޝިއަލް ޓްރެއިނިން ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، އެންމެ ފައިދާ ހުރި ގޮތުގައި ފުލުހުންގެ ހިދުމަތް ދެވޭނީ އެ ތަނެއްގައި ހުރި އެންމެ ބޮޑެތި މައްސަލަތަކަށް ސަމާލުކަން ބަހައްޓައިގެން ކަމަށެވެ.

ނަމަވެސް ފުލުހުން ހަދާ އެންމެ ގޯހަކުންވެސް މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން ފުލުހުން އެންމެ ހާއްސަ އިސްކަމެއް ދޭންޖެހޭނީ ޕްރޮސެޝަނަލިޒަމް ހިފެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ތަމްރީން ނިންމައިގެން ނުކުންނަ ކޮންމެ ފުލުހަކުވެސް އެންމެ ހާއްސަ އިސްކަމެއް ދޭންވީ އަނެއް އެއް ކަމަކީ ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ކަމަށެވެ. އަދި މުޖުތަމައުގައި އުފެދޭ ނުރަނގަޅު އޮއެވަރުތަކުގެ ސަބަބުން ފުލުހުންނަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެ ގޮންޖެހުންތަކާ އެކުވެސް ދިވެހި ފުލުހުން މަތީ ދައުރެއް އަދާކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މައްސަލަތަކާއި ކުރިމަތިލުމަށް ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރެވިފައިވާ ކަމަށާއި އެކަން ފުލުހުން ސާބިތުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޓަޕޯލްގައި ދިވެހި ފުލުހުން މަސައްކަތްކޮށް ދުނިޔޭގެ ހަމަޖެހުމަށްވެސް ދިވެހި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވިއެވެ.