ދުނިޔެ

ދުނިޔޭގެ ތާރީޚު: ގަލްފަށް ކިޔަންވީ ނަމަކާމެދު އަރަބީންނާއި ފާރިސީންގެ ޒަމާންވީ ކޯޅުން

އިމާދު ލަތީފު

ދުނިޔޭގެ ތާރީޚު ހާވައި، ބަލައި، ހޯދާބަޔަކަށް 1935 ވަނަ އަހަރުގެ ކުރިން އީރާނޭ ކިޔުނު ގައުމެއް ނުފެންނާނެއެވެ. ފެންނާނީ ޕާރޝިޔާއެކެވެ. ދިވެހިބަހުން ފާރިސްކަރައެވެ. ފާރިސްކަރައިގެ ނަން އީރާނަކަށް ރަސްމީގޮތުން ބަދަލުކުރީ 1935 ވަނަ އަހަރުއެވެ. އަންޒަމާނުން ފެށިގެން ފާރިސްކަރައިގައި ފާހަގަކުރާ ސަގާފީ އެންމެބޮޑު އީދުކަމަށްވާ ނައުރޯޒު ދުވަހު ފާރިސްކަރައިގެ ޝެހެންޝާހު އެއަހަރު އިއުލާން ކުރެއްވިއެވެ. މިއަދަށްފަހު މިއީ އީރާނެވެ. އެކުވެރި ހުރިހާ ގައުމަކުންވެސް އަހަރެމެންނަށް ކިޔާންވާނީ އީރާން، މިހެންނެވެ. ޕާރޝިޔާ ނުވަތަ ފާރިސްކަރައިގެ ނަން އީރާނަކަށް ބަދަލުކުރުމަށް ޝެހެންޝާހަށް ވިސްނައިދީ ބާރުއެޅީ ޖަރުމަންވިލާތުންނެވެ. އޭރު ޖަރުމަންވިލާތުގެ ވެރިޔަކީ މަޝްހޫރު އެޑޯލްފް ހިޓްލަރެވެ. މިކަމުގައި ހިޓްލަރުގެ މަގްސަދެއްވެސް އޮތެވެ.

މިޒަމާނުގެ ތާރީޚަށް ފެށިގެންއައިއިރު އީރާނުގެ ކަންކަމުގެ ތެރެއަށްވަދެ ބަސްބުނެ، އެންމެ ބޮޑު ނުފޫޒެއް ފޯރުވަމުން އައީ ރޫސީވިލާތާއި އިނގިރޭސިވިލާތުންނެވެ. އެއީ ޖަރުމަންވިލާތުގެ އެންމެ ބޮޑު ދެ ހަތުރުންނެވެ. ގަޖަރު ޚާންދާނުގެ ރަސްކަން ނިމުމަކަށް ގެންނަވަައި 1925 ވަނަ އަހަރު ޕަހެލަވީ ޚާންދާނުގެ ރަސްކަމެއް ފެއްޓެވުމަށްފަހު އެރަސްކަމުގެ ފުރަތަމަ ޝެހެންޝާހު ރިޒާ ޝާހު ޕެހެލަވީ ގެންގުޅުއްވީ ރަޝިޔާއާއި އިނގިރޭސީންނާ ދުރުހެލިވުމުގެ ސިޔާސަތެކެވެ. މިކަންވީ ޖަރުމަންވިލާތުން ވަރަށް ބޮޑަށް ރުހުނު ކަމަކަށެވެ. އެޑޯލްފް ހިޓްލަރު 1933 ވަނަ އަހަރު ޖަރުމަންވިލާތުގެ ވެރިކަމަށް އެރުމާއެކު ރިޒާ ޝާހު ޕެހެލަވީ ވެގެންދިޔައީ އޭނާގެ އެންމެ ގާތް މިތުރު ކަމުގައެވެ. ހިޓްލަރަކީ ނަސްލީ އިމްތިޔާޒުގެ ބޮޑެކެވެ. އާރިޔަނުންގެ އިސްކަމާއި މޮޅުކަމަށް ވަކާލާތުކުރި ވެރިއެކެވެ.

ރިޒާ ޝާހު ޕެހެލަވީއަށް ހިޓްލަރު ވިސްނައިދިނެވެ. ތިޔައީ މިހާރު ރޫސީންނާއި އިނގިރޭސީންގެ ނުފޫޒުން ޕާރޝިޔާ ސަލާމަތްކޮށްދެއްވި ގައުމީ ބަތޮލެކެވެ. މިނިވަންކަމުގެ ރަމްޒެކެވެ. ތިޔައީ އިރުމަތީ އާރިޔަނުންގެ ޝެހެންޝާހެވެ. އެހެންވީމާ އިރުމަތީ އާރިޔަނުންގެ ވަޒަނުގެ ނަމުން އެންމެ އިހުޒަމާނުގައި ޕާރޝިޔާގެ ސަރަހައްދަކަށް ކިޔާފައިވާ "އީރާން" މިނަން މުޅި ޕާރޝިޔާއަށް ކިޔާން ފެނެއެވެ. އާރިޔަނުންނަށްޓަކައެވެ. އަހަރެންވެސް މަސައްކަތް މިކުރަނީ އާރިޔަނުންނަށްޓަކައެވެ. ހުޅަނގު އާރިޔަނުންގެ ވަޒަނަކީ މިއީއެވެ. ދެވެރިންވެގެން މިކަންކުރަމާބަހީއެވެ. މިއީ ވަރަށް މޮޅު ބުއްދިއެއްކަމަށް ފެނިވަޑައިގެން 1935 ވަނަ އަހަރުގެ ނައުރޯޒު ދުވަހު ޕާރޝިޔާގެ ނަން އީރާނަކަށް ރިޒާ ޝާހު ޕެހެލަވީ ބަދަލު ކުރައްވައިފިއެވެ. ފާރިސްކަރައިގެ ނަން އީރާނަށް ބަދަލުވީ މިގޮތުންނެވެ. ފާރިސީބަހުން އީރާންގެ މާނަޔަކީ އާރިޔަނުންގެ ވަޒަނެވެ.

ހިޓްލަރާއި ރިޒާ ޝާހުގެ ބަދަހި ގުޅުން ނިމުމަކަށް އައީ އިނގިރޭސިންނާއި ރޫސީން އެއްބައިވެގެން 1941 ވަނަ އަހަރު އީރާނަށް އަރައި އޭނާގެ ރަސްކަން ބަދަލު ކުރުމުންނެވެ. ބަދަލުގައި ރަސްކަމުގެ ތަޚުތުގައި ބޭންދީ ރިޒާ ޝާހުގެ ދަރިކަލުން މުހައްމަދު ރިޒާ ޝާހު ޕަހެލަވީއެވެ. އެހެންވީމާ އައު ޝެހެންޝާހުވެސް ކޮންމެހެން އީރާނުގެ ނަން ޕާރޝިޔާއަކަށް އަލުން ބަދަލުކުރައްވާކަށް ނޫޅުއްވަައެވެ. މިދެންނެވި މުހައްމަދު ރިޒާ ޝާހު ޕެހެލަވީގެ ރަސްކަން އިންގިލާބުކުރައްވައި 1979 ވަނަ އަހަރު އީރާނުގައި ޖުމްހޫރިއްޔަތެއް ގާއިމުކުރެެއްވުމަށްފަހު އާޔަތު ﷲ ޚުމައިނީވެސް އީރާނުގެ ނަން ކޮންމެހެން ޕާރޝިޔާއަކަށް އަލުން ބަދަލުކުރައްވާކަށް ނޫޅުއްވައެވެ. އީރާނުގެ ނަން ކުރިންވެސް އޮތްގޮތަށް އީރާނުގެ ގޮތުގައި ބޭއްވެވީއެވެ. މިއަދާ ހަމައަށެވެ.

ޕާރޝިޔާގެ ނަން އީރާނަކަށް ބަދަލުކުރިތާ 88 އަހަރުވިޔަސް ޕާރޝިޔާގެ ނަން މުޅިން ފޮހެވިގެނަކުން ނުދެއެވެ. އެނަން މުޅިން ފޮހެލާކަށް އީރާންވެސް ބޭނުމެއް ނުވެއެވެ. އީރާނުގެ ބަހަށް ކިޔަނީ މިހާރުވެސް ޕާރޝިއަންއެވެ. ފާރިސީއެވެ. އީރާނުގެ މީހުންނަށް ކިޔަނީ ޕާރޝިއަނުންނެވެ. ފާރިސީންނެވެ. އީރާނާއި ގުޅިފައިވާ މުހިއްމު ތަންތަނަށް އަދިވެސް ނަންކިޔަނީ ޕާރޝިއަން ކިޔައިފައެވެ. މިފަދަ އެއްތަނަކީ އަރަބިކަރަޔާއި އީރާނާއި ދެމެދުގައި އޮންނަ ހަނި ކަނޑެވެ. އަރަބީން ފިޔަވަައި އެހެން އެންމެން މި ކަނޑަށް ކިޔަނީ ޕާރޝިއަން ގަލްފެވެ. ފާރިސީ ގަލްފެވެ. ކުރުކޮށްފައި ގަލްފޭވެސް ކިޔައެވެ. އަރަބި ގައުމުތަކުން ކިޔަނީ އެރޭބިއަން ގަލްފެވެ. އަރަބި ގަލްފެވެ. ނަމުގެ މައްސަލައިގައި އީރާނާއި އަރަބީންގެ އަރައިރުން ވަރަށް ބޮޑެވެ.

ރަސްމީ އެއްވެސް ކަމެއްގައި އަރަބި ގަލްފު، މިހެން ބަޔަކު ކިޔައިފިނަމަ އީރާނުން އެންމެމަތީ ދަރަޖައަށް ޝަކުވާކޮށް އިހުތިޖާޖުވެސް ކުރެއެވެ. އަރަބި ގަލްފުގެ ނަމުން އެކަނޑު އިޝްތިހާރުވާކަށް އީރާން އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ޕާރޝިއަން ގަލްފުގެ ނަން ދެމެހެއްޓުމުގެ ގޮތުން އީރާނުގެ ފުޓްބޯޅަ ލީގަށްވެސް ކިޔަނީ ޕާޝިއަން ގަލްފް ޕްރޯ ލީގެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އަރަބީންގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ލީގަށް ކުރިން ކިޔަމުންއައީ އެރޭބިއަން ގަލްފު ލީގެވެ. ގަލްފުގެ އަރަބި ގައުމުތަކުގެ މެދުގައި ކުޅެވޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތަށްވެސް ކިޔަނީ އެރޭބިއަން ގަލްފު ކަޕެވެ. ކަންދިމާކުރި ގޮތުން މިއަހަރު މި މުބާރާތް ބޭއްވުނީ އީރާނުގެ ނުފޫޒު އޮންނަ އިރާގުގެ ބަސަރާގައެވެ. އެރޭބިއަން ގަލްފު ކަޕުގެ ނަމުގައި މި މުބާރާތް ބަސަރާގައި ފަށާފައިވާތީ އީރާނުންވަނީ އިރާގާއި ދެކޮޅަށް އެންމެ މަތީ ފެންވަރުގައި އިހުތިޖާޖުކޮށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުވެސް ދީފައެވެ.