ގދ. ފިޔޯރި ސްކޫލުގެ ރޯވެ އަނދަން ފަށައިފިއެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ފިޔޯރި ކައުންސިލްގެ މެމްބަރު މުހައްމަދު ޝަހުމަތު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު 4:45 އެހާކަންހާއިރު ފިޔޯރި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޝަހުމަތު ވިދާޅުވީ އަލިފާން ރޯވެފައިވަނީ ސްކޫލް ހޯލުގައި ހުންނަ ކަރަންޓް ޑިސްޓްރިއުބިޝަން ފޮއްޓެއްގައި ކަމަށެވެ.
ޝަހުމަތު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ހިނގައިގެން ސްކޫލަށް ދިޔައިރު، އެތެރެއަށް ނުދަދެވޭ ވަރަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށާއި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެރަށުގެ ފުލުހުންނާއި އާންމުން ގުޅިގެން ކުރަމުންދާ ކަމަށް ޝަހުމަތު ވިދާޅުވިއެވެ.
އެމްއެންޑީއެފުން "ވަން" އަށް ބުނީ، ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެރަށަކީ އެމްއެންޑީއެފުގެ ޕޯސްޓެއް ހުންނަ ރަށެއް ނޫން ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ އިދާރާގެ ފަޔާ އެންޑް ރެސްކިޔު ޓީމަކުން މިހާރު އެރަށަށް ދަތުރު ކުރަމުންދާ ކަމަށާއި އެ ޓީމަށް ފިޔޯރިއަށް ދެވޭނީ 45 ވަރަކަށް މިނެޓް ފަހުން ކަމަށެވެ.
ފިޔޯރީ ސްކޫލްގައި އަލިފާން ރޯވެފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ފޮޓޯތަކުން ފެންނަ ގޮތުގައި ސްކޫލްގެ އެ އިމާރާތުގައި އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ރޯވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު