ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން އެމްޑީޕީ މެންބަރުން މަގުމަތިވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ލަންދުއަށް މިއަދު ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށާއި އެންމެ ތާއީދުވެސް ބޮޑު ޕާޓީ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނު ގޮތާއި އޭގެ ފަހުން އުފެދުނު ވެރިކަމުގައި އެމްޑީޕީ އޮތީ މަގުމަތިވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދުވަސްތަކަކީ، އެމްޑީޕީގެ މެންބަރުންނަށް އަނިޔާވެރިކަމާއި ބިރުވެރިކަން އިންތިހާއަށް ކުރިމަތިވި ދުވަސްވަރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމަންވީ، އެ ދުވަހަށް އަޅުގަނޑުމެން އަނބުރާ ދާނީތޯ ނުވަތަ ނުދާނީތޯ. ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން އަޅުގަނޑުމެން މަގުމަތުވެދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްހަރު އޮތް ގޮތުން ގިނަ ރައްޔިތުން އަދިވެސް ހިޔާރުކުރަނީ ގިނަ ފިކުރު އެކުލެވޭ، ގިނަ ޕާޓީ އެކުލެވޭ ސަރުކާރެއް އެކުލަވާލުމަށް ކަމަށާއި އެއީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ، އެންމެ 6،000 މީހުންގެ ވޯޓުން ކަމަށާއި އެހެން މެދުވެރިވީ އެމްޑީޕީއާއެކުގައި މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް އެއިރު ނުވުމުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާއިރު، އަނެއްކޮޅުން ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ،