އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ބެހިގެންވަނީ ދެ ބަޔަކަށެވެ. ނުވަތަ ދެ ގޭގެ މައްޗަށެވެ. ފުރަތަމަ ބަޔަކީ ތިރީގެއެވެ. އެއީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އެވެ. ރައްޔިތުންގެ މަންދޫބުންގެ ގެއެވެ. މިގޭގައި ތިއްބަވަނީ ޖުމްލަ 435 މެންބަރުންނެވެ. ދެވަނަ ބަޔަކީ ސެނެޓެވެ. އެއީ މަތީގެއެވެ. އެގޭގައި ތިއްބަވަނީ ސަތޭކަ މެންބަރުންނެވެ. މި ދެގެ އެއްކޮށްލައިގެން ކިޔާނަމަކީ ކޮންގްރެސްއެވެ. އާއްމުގޮތެއްގައި ސަރުކާރު ޖަވާބުދާރީކުރުވައި ލެޖިސްލޭޓިވް މަސައްކަތްތައް ހިންގާތަނަކީ ހައުސްއެވެ. ރައްޔިތުންގެ މަންދޫބުންގެ ގެއެވެ. ހައުސް ސްޕީކަރަކީ މިގޭގެ ރައީސް ނުވަތަ ރައީސާއެވެ. އެމެރިކާގެ ނާއިބު ރައީސަށް ފަހު ދެން ގައުމުގެ އެންމެ އިސް ލީޑަރަކީ އަދި އެންމެ ބާރުގަދަ ވެރިޔަކީ ހައުސް ސްޕީކަރެވެ. ކުރިން އެމަގާމުގައި ހުންނެވީ ނެންސީ ޕެލޯސީއެވެ.
އެމެރިކާގައި އުސޫލުތައް ހަމަޖެހިފައި އޮންނަގޮތުން ގާނޫނު ހަދާ މަޖިލީހުގެ ދެގެއަށް އައު މެންބަރުން ހޮވުމަށް ދެފަހަރަކު އިންތިޚާބު ބާއްވައެވެ. ދައުރު ފެށުމަށާއި ދައުރުގެ މެދުތެރެއިންނެވެ. ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބަށް ކިޔަނީ މިޑްޓާމް އިލެކްޝަނެވެ. އެމެރިކާގައި އޮންނަނީ މައިގަނޑު ދެ ޕާޓީއެވެ. ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރަޓިކް ޕާޓީއެވެ. ދައުރު ފަށާއިރު މެޖޯރިޓީގައި އޮންނަ ޕާޓީއަށް ދައުރުގެ މެދުތެރެއިން މެޖޯރިޓީ ގެއްލި މައިނޯރިޓީ ޕާޓީކަމަށްވެސް ވެދެއެވެ. ހުސްވި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު މިޑްޓާމް އިލެކްޝަނުގައި ދިމާވެފައިވަނީ މިގޮތެވެ. އެމެރިކާގެ ރައީސަކަށް މިހާރު އެހުންނެވީ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޖޯ ބައިޑެންއެވެ. އޭނާގެ ދައުރު ފެއްޓެވީ ހައުސްގައި ޑިމޮކްރެޓުންނަށް މެޖޯރިޓީ އޮވެގެންނެވެ.
މިފަހަރުގެ މިޑް ޓާމް އިލެކްޝަންގައި ހައުސްގެ ގޮނޑިތަކުގެ ތެރެއިން ނުވަ ގޮނޑިއެއް ޑިމޮކްރެޓުންނަށް ވަނީ ގެއްލިފައެވެ. ރިޕަބްލިކަނުން ވަނީ އިތުރު ނުވަ ގޮނޑި ކާމިޔާބުކޮށްފައެވެ. މިހެންވީމާ ޖުމްލަ 222 ގޮނޑިއާއެކު ހައުސްގެ މެޖޯރިޓީ ވަނީ ރިޕަބްލިކަނުންނަށް ލިބިފައެވެ. ޖުމްލަ 213 ގޮނޑިއާއެކު ޑިމޮކްރެޓުން ވަނީ މައިނޯރިޓީ ޕާޓީ ކަމަށް ވެފައެވެ. އަނެއްކޮޅުން ސެނެޓުގެ މެޖޯރިޓީ ވަނީ ރިޕަބްލިކަނުންނަށް ގެއްލިފައެވެ. މިޑްޓާމް އިލެކްޝަނަށްފަހު ސެނެޓުގެ މެޖޯރިޓީ ވަނީ ޑިމޮކްރެޓުންނަށް ލިބިފައެވެ. މިޑްޓާމް އިލެކްޝަނުގައި ރިޕަބްލިކަނުންނަށް އެއްގޮނޑި ގެއްލުނު އިރު އެގޮނޑި ހޯދީ ޑިމޮކްރެޓުންނެވެ. މިހެންވީމާ ދެބައިމީހުންނަށްވެސް ލިބުނީ 48 ގޮނޑިއެވެ. ބާކީ ދެގޮނޑި ހޯދީ ވަކިއަތަކަށް ނިސްބަތްނުވާ މެންބަރުނެވެ. އެކަމަކު އެ ދެމެންބަރުން ސިޔާސީގޮތުން ޑިމޮކްރެޓުންނާ އެއްގަލަކަށް އަރައިފައިވާތީ ޑިމޮކްރެޓުންނަށް އަޣުލަބިއްޔަތު ލިބެނީއެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރަކީ ނުވަތަ ވެރިޔަކީ އެގޭގެ މެންބަރުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. އެހެންނަމަވެސް ސެނެޓުގެ ރިޔާސަތު ބަލަހައްޓަވާ ފަރާތަކީ އެގޮތަށް ސެނެޓުގެ މެންބަރުންގެ ވޯޓަކުން އިންތިޚާބުކުރާ ބޭފުޅެއް ނޫނެވެ. ސެނެޓުގެ ރިޔާސަތު ބަލަހައްޓަވަނީ އަބަދުވެސް އެއިރަކު ހުންނަވާ ނާއިބު ރައީސެކެވެ. މިހާރު އެމަގާމުގައި ހުންނެވީ ޑިމޮކްރަޓިކް ޕާޓީގެ ކަމަލާ ހެރިސްއެވެ. އެކަމަނާއަކީ ސެނެޓުގައި ވޯޓުދެއްވާ ބޭފުޅެއް ނޫނެވެ. ރިޔާސަތުން ވޯޓުދޭނީ ދެފަރާތް އެއްވަރުވެއްޖެނަމައެވެ. އެއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. މިފަހަރުގެ މިޑްޓާމް އިލެކްޝަނަށްފަހު ހައުސްގެ މެޖޯރިޓީ ހޯދީ ރިޕަބްލިކަނުން ކަމަށްވާތީ ހައުސްގެ ސްޕީކަރަކަށް ވަޑައިގަންނަވަން އޮތީ ރިޕަބްލިކަން މެންބަރެކެވެ. އެކަމަކު މި މަގާމަށް ބޭފުކު ހޮވުން އެހާ ފަސޭހައެއް ނުވިއެވެ.
ސްޕީކަރަކު ހޮވެން އޮތީ ހައުސްގެ ސިމްޕަލް މެޖޯރިޓީއަކުންނެވެ. މެޖޯރިޓީ އޮތީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ރިޕަބްލިކަނުންނަށެވެ. އެކަމަކު ފިކުރީގޮތުން ރިޕަބްލިކަނުން ވަނީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކީ މެދުމިނުގެ ބޭފުޅުންނެވެ. އަނެއްބަޔަކީ އެންމެ ހަރުކަށި ފިކުރުގެ ބޭފުޅުންނެވެ. ކުރީގެ ރައީސް ޓްރަމްޕުގެ ބައިވެރިންނެވެ. އެ ޚިޔާލުގެ މެންބަރުންނެވެ. މި ދެބައިމީހުންގެ ކޯޅުންތައް ބޮޑުވެގެން ސްޕީކަރަކު ނުހޮވި ނޮވެމްބަރުން ފެށިގެން މި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ދިގުދެމިގެން އަތުވެއްޖެއެވެ. ސްޕީކަރު ކަމަށް ކުރިމަތިލެއްވި ކެވިން މެކާތީއަކީ ޓްރަމްޕުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މާލޮނުމަޑު ބޭފުޅެކެވެ. އެކަހަލަ ބޭފުޅަކަށް ރައީސް ޖޯ ބައިޑެންގެ ފިޔަ ކޮށާލައި ޒިންމާދާރެއް ނުކުރެވޭނެއެވެ.
ހައުސް ސްޕީކަރަކު ހޮވުމަށް އެކިދުވަސްމަތިން މިހާތަނަށް ފަނަރަ ފަހަރު މަސައްކަތްކޮށްގެން އެންމެފަހުން ހުކުރު ދުވަހު މެކާތީއަށް ސިމްޕަލް މެޖޯރިޓީ ވަނީ ލިބިވަޑައިގެންފައެވެ. ސްޕީކަރުގެ މަގާމަށް ވަނީ ހޮވިވަޑައިގެންފައެވެ. ދެން އޮތީ ރިޕަބްލިކަނުންގެ އެޖެންޑާ ތަންފީޒުކުރުމުގެ މަސައްކަތެވެ. އޭގެތެރެއިން އެންމެ އިސް ދެކަމަކީ ރައީސް ޖޯ ބައިޑެންގެ އާއިލާއިން ހިންގާކަމަށް ތުހުމަތުކުރެވޭ ޣައިރު ގާނޫނީ ވިޔަފާރީގެ ކަންކަން ތަހުގީގުކުރުމާއި ރައީސް ބައިޑެންގެ ސަރުކާރުގެ އިސްރާފުކުރުން ހުއްޓުވައި ސައިޒްކުރުމެވެ. މީގެ މާނަޔަކީ ވައިޓްހައުސްއާ ހަނގުރާމަ އިއުލާންކުރުމާއި ހަމަކޮންމެ ކަމެއްގައި ބައިޑެންގެ ސިޔާސަތަށް ހުރަސްއެޅުމެވެ. މިކަން މިމަގަށް ބައްޓަންވުމަކީ އެމެރިކާ ހަލަބޮލިވެ އެމެރިކާގެ ސިޔާސަތު ތަންފީޒު ކުރުމުގައި ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް