ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވައިގެން ތަމްރީނުކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ މަޝްވަރާކޮށްފިއެވެ.
އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވީ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ، ކައުންސިލްގެ މެމްބަރުން ކަމަށްވާ މުހައްމަދު އަފްރާހު، މޫސާ ރަޝީދު އަދި އަރްބާން ރަޝީދުގެ އިތުރުން މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. އިންޑިއާ ހައިކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހައި ކޮމިޝަނާ މުނޫ މަހާވަރާއި ފަސްޓް ސްކެރަޓަރީ ކަރަން ޔާދޭވްއެވެ.
މަޝްވަރާ ބައްދަލުވުމުގެ މައުލޫމާތާއެކު އެމްއެމްސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގުރާމްތަކެއް ހިންގުމަށާއި އިންޑިއާގެ ތައުލީމީ ހިދުމަތް ދޭ މަރުކަޒުތަކުގެ ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ދިވެހި ނޫސްވެރިންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފެށުމަށް މަޝްވަރާކުރި ކަމަށެވެ.
އަދި ދިވެހި ނޫސްވެރިންނަށް އިންޑިއާއިން ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ހޯދައިދިނުމަށްވެސް މަޝްވަރާކުރި ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
އެމްއެމްސީން ބުނީ، އެ ކައުންސިލުން ހުށަހެޅި ކަންތައްތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހައި ކޮމިޝަނަރު މުނޫ މަހާވަރު ދެއްވި ކަމަށެވެ. އަދި އެމްއެމްސީއާއި އިންޑިއާގެ ޕްރެސް ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށް، އެ ދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު