ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން މިއަދު ކުރި ޓުވީޓެއްގައި ވަނީ، އެމަނިކުފާނު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސާފައިވަނީ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ހުންނަ ޓޭސްޓްމީ ކެފޭގައި ކަމަށެވެ.
އެ ބައްދަލުވުމަށް ޓެކްސީ ޑްރައިވަރުންނަށްވަނީ ދައުވަތު އަރުވައިފައެވެ.
ރައީސް ނަޝީދު ޓެކްސީ ޑްރައިވަރުންނާ މިރޭ ބައްދަލުކުރައްވާ އިރު، މިއަދު ހެނދުނު ވަނީ ގަލޮޅު އުތުރުގައި ދޮރުން ދޮރަށް ހިންގަވައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްގެންދަވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ގެންދަވަނީ ކެމްޕެއިން ބާރަށް ކުރިއަށްގެންދަވަމުންނެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައި ރޭ ވަނީ އެމްޑީޕީ ހަރުގޭގައި ބޮޑު ޖަލްސާއެއް ބާއްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު