ވ. އަތޮޅުގެ ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑުގެ ޑިއެންއޭ ހަދަން ނިންމައިފިއެވެ.

ވެމަޕަރު ފަޅުން ކުނިވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނުނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑުގެ ޑިއެންއޭ އެނަލިސިސް ހެދުމުހެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަކީ ވަގުތު ނަގާނެ ކަމެއް ކަމުން އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ވެމްޕަރު ފަޅުން މަރުވެފައި އޮތް މީހަކު ފެނުނުއިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލޭން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުންގެ ތެރެއިން ބިދޭސީ މީހާ ނުފެނިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ބޯޓުގައި ދެން ދަތުރުކުރީ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އެވެ. ތެޔޮ ބޯޓު ހުޅުލެ ކައިރިން ފެނިފައިވާ އިރު، މާލޭ ގެސްޓްހައުސްއެއްގައި ހުއްޓާ ނިޒާމް ވަނީ ހައްޔަރުކޮށްފައެވެ. މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ ދެ މަސް ދުވަސް ޖަހައިފައެވެ.