މި ފެށުނު އާ އަހަރުގެ އަޒުމެއްގެ ގޮތުގައި ކަނޑައަޅަންވީ، ކޮންމެ ކަމެއްގައިވެސް ސުލްހަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކޮށް، ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރެއް ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖުތަމައުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ.
އަދި އިންސާނީ ހައްގުތައް ކުރިއަރުވައި، އިޖުތިމާއީ އަދާލަތު ގާއިމުކޮށް، އަދުލު އިންސާފު ގާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނު ކަމަށާއި އެކަމުން ރަނގަޅު ނަތީޖާއެއްވެސް ހާސިލުކުރެވުނު ކަމުގައިވެސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮވިޑް-19ގެ ދަތިތަކުން އަރައިގަނެ ގައުމުގެ އިގުތިސާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު ތައްޔާރުވާންވީ ކޮވިޑުގެ ކުރިން އޮތް އިގުތިސާދީ ހާލަތަށްވުރެވެސް ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގުތިސާދު ގެންދިއުމަށް ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އާ ގޮތްތަކާ މެދު ވިސްނުން ހިންގައި، ގައުމީ ތަރައްގީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް އިގުތިސާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މި ފެށުނު އަހަރަކީ ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ހަޔާތުގައިވެސް މުހިންމު ހަރަކާތްތަކަކަށް އަލިވިލުނު އަހަރެއްކަމުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ، މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ކަމަށެވެ.
އެހެންކަމުން ގައުމުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމަށާއި ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައިވެސް ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު