މިރޭ 12 އިން ފެށިގެން ޓީޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުވާނެއެވެ.

އެ ދެ ޓެކްސް ބޮޑުކުރީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްގެންނެވެ. އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ގާނޫނަށް ގެނައި އެ އިސްލާހުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ޓެކްސްއަށް މިރޭ 12 އިން ފެށީގެން އަންނަ ބަދަލަށް ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމަށް އިލްތިމާސްކޮށް މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެކްސްގެ މިންވަރަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ ފެކްޓް ޝީޓެއް އެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ޓެކްސް ނަގާ މިންވަރު ބަދަލުވުމާ ގުޅިގެން 'ކަޓް-އޯފް ވަގުތު' ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް އެ ޝީޓުގައި ހިމަނައިފާނެ ކަމަށްވެސް ބުންޏެވެ.

މީރާއިން ބުނެފައިވާ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހެނީ އެކެއް ޖެނުއަރީގައި އެ ވިޔަފާރިތަށް ހުޅުވާ ވަގުތުން ފެށިގެންނެވެ. މިރޭ 12 އިން ފެށިގެން އާ ރޭޓުން ޖީއެސްޓީ ނަގަން ޖެހޭނީ 24 ގަޑިއިރު ހިދުމަތް ދޭ ވިޔަފާރިތަކުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު މާދަމާއިން ފެށިގެން ޖަހާފައި ހުންނަންވާނީ އާ ރޭޓުގައި ޖީއެސްޓީ ހިމަނައިގެން ކަމަށްވެސް ބުނެފައިވެއެވެ.

މީރާ އިން ބުނީ، ޓެކްސް ރޭޓުތަކަށް މި އައި ބަދަލުތަކަށް ވިޔަފާރިތަކާއި އާންމުން ހޭލުންތެރިކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ހާއްސަ ކެމްޕޭނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި ޓެކްސް ރޭޓަށް ގެނައި ބަދަލަށް ވިޔަފާރިތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.