އެމްއީއެސް ހިންގި އިމާރާތުގައި މަންދު ކޮލެޖު ހިންގުމަށްޓަކައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކޮށް އެ ކުންފުނި އަތުން އެ އިމާރާތް ގަދަކަމުން ނެގި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަަލަ އެ ކޯޓަށްވެސް ބަލައެއް ނުގަތެވެ.

މިއީ މިފަދަ މައްސަލައެއްގައި ސީދާ މިނިސްޓަރެއްގެ މައްޗަށް ދައުވާ ކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މިނިސްޓަރު އައިޝާގެ މައްޗަށް ފުރަތަމަ އެ ދައުވާ ކުރީ ސިވިލް ކޯޓުގައެވެ. ނަމަވެސް އެ ދައުވާ ސިވިލް ކޯޓުންވެސް ބޭރުކޮށްލިއެވެ.

އެމްއީއެސް ހިންގި އިމާރާތް މާލޭ ހައި އަށް ދޭން ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، މާލޭ ހައި އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.

ސިވިލް ކޯޓުން 19 އޭޕްރީލް 2021 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ، އެ ފައިސާ އެ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެ ފައިސާ ދެއްކީ 20 މެއި 2021 ގައެވެ.

މި މައްސަލާގައި މާލޭ ހައި އިން އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޯޓުން ހުކުމް ކޮށްފައިވާ މުއްދަތުގައި ކޯޓަށް ފައިސާ ނުދައްކައި، ގާނޫނުއަސާސީން އެކަމަނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި ޝަރީއަތުގެ އަމުރަކަށް އެކަމަނާ ކިޔަމަންވެ ވަޑައިގެންފައިނުވާ ކަމަށް ބުނެއެވެ.

ދައުވާ ކުރާ ފަރާތުން ބުނެފައިވަނީ ހުކުމުގައިވާ އެއް މަސް ދުވަހުގެ މުއްދަތު ހަމަވާނީ 18 މެއިއަށް ކަމަށާއި އެހެންކަމުން ހުކުމް ތަންފީޒުކުރުމުގައި މިނިސްޓަރު އިހުމާލު ވެފައިވާ ކަމަށެވެ.

މި މައްސަލާގައި މިނިސްޓަރު ޑރ. އައިޝަތު އަލީގެ ފަރާތުން އިޖުރާއީ ނުކުތާއެއް ސިވިލް ކޯޓުގައި ނެންގެވިއެވެ. އޭގައި ބުނެފައިވަނީ ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ، ދައުލަތުގެ މައްޗަށް ކަމަށާއި އެހެންކަމުން އެ އަމުރު ތަންފީޒު ކުރަންޖެހޭނީ ދައުލަތުން ކަމަށެވެ. ހުކުމްގެ އެއްވެސް ތަނެއްގައި އާއިޝަތު އަލީގެ މައްޗަށް ކުރަން އަންގާފައި އޮތް އެއްވެސް އިލްތިޒާމެއް ނެތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ މައްސަލާގައި ފަރުދީ ގޮތުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބެއް ނެތް ކަމަށާއި އެކަމުގައި ޒިންމާ އޮތީ ދައުލަތަށް ކަމަށާއި އެއީ ފަރުދީ ގޮތުން އެކަމަނާގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގެ ހުކުމުގައި ސިވިލް ކޯޓުން ބުނެފައި ވަނީ، ގާނޫނު ބުނާ ގޮތުން އެކަމެއްގައި ދުވަސް ގުނަނިީ އެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި ކަމަށެވެ. އެހެންކަމުން އެ ހުކުމުގައި ބުނާ އެންމެ ފަހު ދުވަހަކީ 20 މެއި 2021 ކަމަށާއި އެ ފައިސާ ދައްކަންޖެހޭ އެންމެ ފަހު މުއްދަތަކީ 18 މެއި 2021 ކަމަށް މާލޭ ހައި އިން ބުނަނީ ރަނގަޅު އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.

އަދި ކަންތައްތައް އެގޮތަށް ހުރުމުން މި ދައުވާ ބިނާކުރި އަސާސް ގޯސް ކަމަށާއި މިއީ މާލޭ ހައި އަށް ހުށަހެޅިދާނެ ދައުވާއެއް ނޫން ކަމަށްވާތީ މި ދައުވާ ސިވިލް ކޯޓުގައި ބަލައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ހުކުމްކުރިއެވެ.

މާލޭ ހައިގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބުނެފައިވަނީ، އެ މައްސަލައިގައި މާލޭ ހައި އިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ސިވިލް ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ އެ ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ގާނޫނާ ހިލާފު ވެފައިވާ ބަޔާންކޮށްދީފައި ނުވާތީ އާއި ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމަށް ފުދޭ ހާލަތެއް ބަޔާންކޮށްދީފައި ނުވާތީ އާއި މި މައްސަލައިގައި ގާނޫނީ ބަހުސެއް ހުށަހަޅާފައިވާ ކަމަށް ބެލެވެން ނެތަތީ، މި މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.