ސަރުކާރު ހިންގަވަން ކޯލިޝަނުގެ ބައިވެރީންގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުން ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު މިހާރު އޮތް ކޯލިޝަނާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކުރަމުން މި ދާ ގޮތަށް ބަލާފައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ ކަމަށް. އެކަމަކު އަދި އެކަމުގެ މަޝްވަރާއެއް ނުކުރަން," ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއެކުގައި އޮވެއްޖެނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބު ކުރުމަށް ފަސޭހަވާނެ ކަމަށާއި އެމްޑީޕީ ބައިބައިވެ، ދެފަޅިވެއްޖެނަމަ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެޕާޓީއަށް ޗެލެންޖަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ މި ޕްރައިމަރީ ކުރިއަށްދާ އިރުވެސް ދެ ފަރާތުންވެސް މަސައްކަތް ކުރެއްވުން ޕްރައިމަރީ ނިމުމާއެކު އެކީގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދެނެގަނެ، އެގޮތަށް ކުރިއަށް ދިއުން. ކޮންމެ މީހަކުވެސް ތާއީދުކުރާ ކެނޑިޑޭޓަކަށް ވޯޓްލުން އެ ޕްރައިމަރީއެއްގައި އޮންނާނެ. ނަމަވެސް ނިމުމަށްފަހުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެންމެން އެކީގައި ތިބުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފަރާތަކަށް އެމްޑީޕީ ޕްރައިމަރީގައި ވޯޓް ދިނުމަށް އެދޭ ކަމަށެވެ. އެއީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތަކީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރުން ކަމަށާއި އެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު