ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލައި ފާސްކޮށްފައިވަނީ ބެލްޖިއަމް އިން ރާއްޖެ ގެނައި ޕެކޭޖުތަކެއް ކަމަށާއި އެ ޕެކޭޖުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'މެފެޑްރޯން' އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މަސްތުވާތަކެތީގެ ބަރުދަނުގައި 1.01 ކިލޯ ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މި މައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަތް މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް ޕޯސްޓު މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނައި ޕެކޭޖުތަކެއްގެ ތެރެއިން 2.5 މިލިއަން ރުފިޔާގެ 'މެފެޑްރޯން' ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.