ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ހުޅުވިފަހުން އެއް ދުވަސް ތެރޭ 228 މޫވްމަންޓްސް ހަމަކޮށް އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ވީއައިއޭގެ އާ ރަންވޭ ހުޅުވައި ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުއެވެ. ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކޮށްފައިވާ މި އާ ރަންވޭ އަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭ އެކެވެ. ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެއެވެ.
ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިިން މިއަދު ބުނީ އާ ރަންވޭ އޮޕަރޭޓު ކުރަން ފެށިފަހުން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ފްލައިޓް ޖައްސައި އަދި ފުރާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 228 މޫވްމަންޓްސް ރެކޯޑުކުރެވިފައިވާ އިރު، އެއީ އާ ރަންވޭއަށް ރެކޯޑެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 104 އިންޓަނޭޝަނަލް ފްލައިޓު މޫވްމަންޓާއި 104 ޑޮމެސްޓިކް މޫވްމަންޓް އަދި ޖެނެރަލް އޭވިއޭޝަންގެ 20 މޫވްމަންޓެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލު ޝައްމާން ޝާކިރު "ވަން" އަށް މިއަދު ވިދާޅުވީ މިއީ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރު ކަމަށްވާތީ ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
އެމްއޭސީއެލުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އެއާޓްރެފިކް މޫވްމެންޓަށް ބަލާއިރު އެންމެ ޑިމާންޑު ބޮޑީ ވީއައިއޭއަށެވެ. އެގޮތުން ވީއައިއޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 އެއާ ޓްރެފިކް މޫވްމެންޓްސް ރެކޯޑުކުރެވޭ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު