ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ. ދާންދޫ އަށެވެ. އެއަށްފަހު، ގއ. ނިލަންދޫއަށާއި ގއ. މާމެންދުއަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވައިފައެވެ.

ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދާންދޫގެ ބިންހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ. މި މަޝްރޫއުގެ ދަށުން ގއ. ދާންދޫގައި ސަރުކާރުން ވަނީ 957,000 މީޓަރުގެ ބިން ހިއްކައި 848 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖަހައިފައެވެ.

މީގެ އިތުރުން ނިލަންދޫ އާއި މާމެންދޫގައި އަލަށް އިމާރާތްކުރެވުނު ދެ އިންޖީނުގެވެސް ރައީސް ވަނީ ހުޅުއްވައިދެއްވައިފައެވެ. ނިލަންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1050 ކިލޯ ވޯޓުގެ ކެޕޭސިޓީގެ ޖަނަރޭޓަރު ބަހައްޓާފައިވާ އިރު، މާމެންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1400 ކިލޯ ވޮޓްގެ ކެޕޭސިޓީގެ ޖަނަރޭޓަރު ވަނީ ބަހައްޓައިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

ރައީސް ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.