ހިތުދަސްކުރުމުގެ ބަދަލުގައި ކަންކަމާ ވިސްނައި، ދިރާސާކުރާ ދަރިވަރުންތަކެއް އުފައްދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވީ ހަ ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ފަޒްނާ ވިދާޅުވީ ގިނަ މާއްދާތަކުގައި ހިތުން ދަސްކުރާ ބައި ބޮޑު ވާހަކަ މިއީ މިފަހަކަށް އައިސް ވަރަށް ގިނައިން އަޑު އިވޭ ވާހަކައެއް ކަމަށެވެ. އަދި ބިޒްނަސް ސްޓްރީމް ހިޔާރުކުރާ ދަރިވަރުން ގިނަ ކަމަށް ފާހަގަވެ އެވާހަކަވެސް ވަރަށް ގިނައިން އަޑުއިވޭ ކަމަށެވެ.
"ދަރިވަރުން އާންމުކޮށް ކިޔަވާ މާއްދާތަކާއި ކިޔަވައިދެވޭ ގޮތްތަކުގެ ވާހަކަ ދެކެވޭ. މިއީ ކަން އޮތް ގޮތް ކަމަށްވާނަމަ މިކަންކަން ބަދަލުކުރެވޭނެ ގޮތްތަކެއް ވިސްނަންޖެހޭ. ސައިންސް އަދި ލިބެރެލް އާޓްސްގެ މާއްދާތައް ކިޔަވަން ބާރު އަޅަންޖެހޭ. އަދި ހިތުދަސްކުރުމުގެ ބަދަލުގައި ކަންކަމާ ވިސްނައި ދިރާސާކުރާ ދަރިވަރުންތަކެއް އުފެދެންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ފަޒްނާ ވިދާޅުވީ ޓެކްނޮލޮޖީއާއި ޑިޖިޓަލައިޒޭޝަނަށް ބަރޯސާވުން އިތުރު، އިންސާނުންނާއި ރޮބޮޓުން އެކުއެކީ މަސައްކަތްކުރާ ޒަމާނެއް މުސްތަގުބަލުގައި އޮތުން ވިސްނޭ ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން އިންސާނުން ކުރަމުން އައި ބައެއް މަސައްކަތް ރޮބޮޓުން ކުރާ ކަމަށެވެ. އަދި ގޭތެރެ ކުނިކަހާ މެޝިނާއި ހަރަމްފުޅުގެ މުސްހަފުބަހާ ރޮބޮޓުފަދަ ތަކެތީގެ މިސާލު ޖައްސަވަމުން މިހާރުވެސް މިފަދަ މެޝިންތައް ތައާރަފުވެފައިވާކަން އެކަމަނާ ވަނީ ފާހަގަކުރައްވައިފައެވެ.
"ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރުމަށް މިފަދަ ޑިޖިޓަލައިޒް މެޝިން ބޭނުންވާއިރު އެތަކެތި އުފެއްދުމާއި އޮޕަރޭޓު ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިންސާނުންގެ ކިބައިގައި ހުންނަންޖެހޭ. ވުމާއެކު މިކަހަލަ ކޮންމެ ބަދަލަކަށް އިންސާނުން ތައްޔާރުކުރުމުގެ ވަރަށް ބޮޑު ދައުރެއް ތައުލީމީ ދާއިރާގެ މުދައްރިސުން ކުރަންޖެހޭ،" އެކަމަނާ ވިދާޅުވިއެވެ.
އެޑިއުކޭޝަންސް ފޯ ޕޮއިންޓް ޒީރޯއަށް ބަރޯސާވާ ތައުލީމީ ވެއްޓެއް ގާއިމުކުރަން މަސައްކަތްކުރާ އިރު، އެކަމަނާއަށް ވިސްނޭ ކަމަކީ އެކި ޒަމާނުގައި ސިނާއަތްތަކަށް އެކިއެކި ބަދަލުތައް އައި ކަމުގައިވިޔަސް އިންސާނުން ދަމަހައްޓަންޖެހޭ އަގުތަކަށް ބަދަލު ނާންނާނެކަން ކަމަށެވެ. އެހެންކަމުން އެ އަގުތައް ބެލެހެއްޓުމާއި، ދެމެހެއްޓުމަށް ބޭނުންވާ ހުނަރުތަކާއި ސިފަތަކަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ. އެކަމުގެ ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވީ ސިނާއަތްތައް ކުރިއަރައި ޑިޖިޓަލައިޒް ވިޔަސް ހިދުމަތް ދެނީ އިންސާނުންނަށް ކަމަށްވާތީ ކަމަށެވެ. އަދި ހިދުމަތްދޭ އިންސާނުންގެ އިހުސާސްތަކެއް ހުންނާނެ ކަމަށާއި އެހެންކަމުން ޓެކްނޮލޮޖީ ބޭނުންކުރާނެ ހާލަތާއި ވަގުތާއި ގޮތް ވަރަށް ރަނގަޅަށް އެނގި އެކަމަށް ސަމާލުވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ގަޑިއަށް ފަރުވާތެރިވުމާއި އަނެކާގެ އިހުސާސްތައް ދެނެގަތުމާއި، ނިންމުންތައް ނިންމާއިރު ހިކުމަތު އަމަލީ ބޭނުންކުރުމާއި ހުނަރުވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި މީހުންނަށް އެންމެ ފަސޭހައިން ފަހުމުވާނެގޮތަށް ސާފު ސީދާކޮށް މުއާމަލާތު ކުރުމާއި ތަފާތު ހިޔާލުތަކަށް ޖާގަ ދިނުމާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމާއި، އެކި ނަޒަރިއްޔާތަކުން ވިސްނުމާއި، ޖަޒުބާތީ ތޫނުފިލިކަން ފަދަ ކަންކަމީ ކުރިއަށްވުރެވެސް ބޮޑަށް މުދައްރިސުންނާއި ދަރިވަރުން ސަމާލުކަން ދޭންޖެހޭނެ ކަންކަން ކަން އަޅުގަނޑު ގަބޫލުކުރަން،" އެކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮންމެ މަދަރުސާ ކުއްޖަކާ މިއަދު ކުރިމަތިވަނީ، ތަފާތު އެތައް ވީޑިއޯތަކަކާއި މަންޒަރުތަކެއް ކަމަށެވެ. އަދި ބައެއް މީހުން ރީތި ކަންކަން ހުތުރު ކަންތައްތަކަށް ހަދައި، ހަރާމް ކަންކަން ހަލާލު ކަންކަމުގެ ގޮތުގައި ދައްކުވައި، ނިޔާ އާއި އަނިޔާ އެއްގޮތް ކުރަން އުޅޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިންފޮމޭޝަނާއި ޑިސްއިންފޮމޭޝަން ލާމެހިފައިވާ ކަމަށާއި ދޮގު ހަބާރާއި ހަގީގީ ހަބަރު މެކުވެފައިވާ އިރު، ސައްހަ ނޫން އެތައް މައުލޫމާތުގެ ބޯވާރެއިން، ހަގީގަތުގެ މަލަމަތިވެސް ގެއްލޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ސިނާއީ ހަތަރުވަނަ އިންގިލާބަށް މުހިންމުވަނީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް ކަމަށެވެ. އަދި ލިޔަންކިޔަން ދެތުމާއި ހިސާބުގެ ހުނަރުތަކުގެ އިތުރުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމުގެ ހުނަރު ކަމަށްވެސް ދެކޭ ކަމަށެވެ.
"ތިމާގެ ޝައުގުވެރިކަން ދަމައިގަތުމަށް އެކި ކުލަތަކާއި އަޑުތަކުން ޒީނަތްތެރިވެގެން ތިމާއާ ދިމާއަށް އަންނަ ފޭކު މެސެޖުތަކުން ރެކުމުގެ ހުނަރު. ކުރުކޮށް ދަންނަވަނީ ނަމަ، ކްރިޓިކަލް ތިންކިންގެ ހުނަރު. ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ގާބިލުކަން. މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މައުލޫމާތުގެ މިންވަރަކުން. އަދި ވިސްނާ އިރު، މައުލޫމާތު ހިތުގައި ނެތް ނަމަ، އެ މައުލޫމާތު ހިމަނައިގެން ވިސްނޭކަށް ނޯންނާނެ. ވީމާ، އެކި ދާއިރާތަކުން ދަރިވަރުންނަށް އެނގެން ޖެހޭ މައުލޫމާތު މިވަނީ އިތުރުކުރަން ޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ގިނަ މައުލޫމާތުތަކެއް ހިތުގައި ބެހެއްޓޭނީ، އަދި ބޭނުންވާ ހިނދަކު ހޯދޭނީ، ހިތުގައި އެ ގުދަންކޮށް ތަރުތީބުކުރާ އިންތިޒާމެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހެނީ އޮއްޓަރުގެ އިތުރަށް ތަކެތި ދަސްކުރާނޭ ގޮތާއި ތަކެތި ދެތުމަށް ފަހު، އެ ބޭނުންވާ ހާލަތްތައް ދެނެގަނެ އެ ބޭނުންކުރާނޭ ގޮތްތައް ކަމަށެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފެރެންސަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައިވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގައެވެ. މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި އިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖޭން ބޭރުން ޓީޗަރުންނާއި އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ބަންގުލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެއެވެ.
ހަ ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން ހަތަރު ވޯކްޝޮޕް ކުރިއަށް ދާނެއެވެ. އަދި ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު