ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ދާންދޫއަށް ކަމަށެވެ. އެއަށްފަހު ނިލަންދޫއަށާއި މާމެންދޫއަށް ވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.
މި ދަތުރުފުޅުގައި އެ ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ނިމިފައިވުމުން، އެ ހިދުމަތްތައް ރައީސް ސޯލިހު ރަސްމީގޮތުން އިފުތިތާހުކޮށްދެއްވާނެއެވެ. އޭގެ ތެރޭގައި ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ.
އޭގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ސޯލިހު ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ރަސްމީ ބަޔަށްފަހު، ރިޔާސީ ޕްރައިމަރީގެ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެ ކަމުގެ އަޑުތަކެއް އަންނަނީ ފެތުރެމުންނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި އެކަން ކަށަވަރުވާނެ ގޮތެއް ނުވެއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ސޯލިހު މާލެ ވަޑައިގަންނަވާނީ މާދަމާ ރޭގެ ވަގުތެއްގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު