މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކީންގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް ހާޒިރު ނުކުރެވޭނެ ކަމަށް ހައިކޯޓުންވެސް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި ނިހާންގެ މައްޗަށް ކުރާ ދައުވާގައި ދިފާއީ ހެކިންގެ ގޮތުގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ނިހާނު ދެން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީއެންސީގެ އަދި ރައީސް ފޮނަދޫ ދާއިރާ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ދިފާއީ ހެކިންގެ ގޮތުގައި އެ ބޭފުޅުންގެ ނަން ނިހާނު ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ކުރެއްވި ދުވަސްވަރާ ގުޅޭ ދައުވާތަކަކަށްވާތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުން އަދާކުރެއްވި ދައުރާބެހޭ ކަންކަން އޮޅުންފިލުވައި ދިނުމަށެވެ.
ނަމަވެސް އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ރައީސްއާއި ނާއިބު ރައީސް ހިމެނޭ ގޮތަށް ބައެެއް ބޭފުޅުންނަކީ ހެކިންގެ ގޮތުގައި ހުށަނޭޅޭނެ ބޭފުޅުން ކަމަށާއި ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށެވެ.
ކްރިމިނަލް ކޯތުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ނިހާނުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުގައި އޭނާ އެދިފައި ވަނީ، ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް އޭނާ ހުށަހެޅި ފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ފަރާތްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، އިޖުރާއަތުތައް ފުރިހަމަކުރުމެއް ނެތި ކަމަށާއި މި ދައުވާތައް ބިނާކުރި ކަމަށް ދައުލަތުން ބުނާ ޖޮއިންޓް އިންވެސްޓިގޭޝަނަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މި ދައުވާތައް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާގެ ފަރާތުން ހާމަކޮށްދިނުމަށް އެދިފައިވާ ލިޔުންތައް ހާމަކުރަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި އެ ލިޔުންތަކަކީ ދައުލަތުން ހާމަކުރަންޖެހޭ ލިޔުންތަކެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ނިހާން އިސްތިއުނާފަށް ހުށަހަޅާފައިވާ ކްރިމިނަލް ކޯޓުގެ ނިންމުންތައް ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކުރާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނާއިބު ރައީސް އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސުން ފްލެޓެއް ގަނެފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު