2023-2022 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ޓާމް ޗުއްޓީ މިއަދު ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ރިޕޯޓު ފޮތް ހަވާލުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ފެށީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. މި ޓާމުގައި ކިޔަވައި ދީފައިވަނީ 92 ދުވަހެވެ. ދަރިވަރުން ދެ ހަފުތާގެ ޗުއްޓީއަކަށްފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުއެވެ.

ސަރުކާރުގެ ސްކޫލުތަކާއި ޕްރައިވެޓް ސްކޫލުތަކާއެކު މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ 93,278 ދަރިވަރުންނާ އެކުއެވެ.

މި އަހަރު އަލަށް ސްކޫލުތަކަށް ވަން ދަރިވަރުންގެ އަދަދަކީ 7,700 އެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 1 އަށް 3,000 އެއްހައި ދަރިވަރުން އަލަށް ވަދެފައިވެއެވެ.