ވ. ފުލިދޫގައި ބިދޭސީއަކު ގެނބިގެން މަރުވެއްޖެއެވެ.
މަރުވެފައިވަނީ 21 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހުސެއިން ޝަމާދުއެވެ.
ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒް "ވަން" އަށް މިރޭ ވިދާޅުވީ، ޝަމާދު މަރުވެފައިވަނީ ހަވީރު 5:45 ހާއިރު ކަމަށާއި ޝަމާދަކީ އެރަށު ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދާ ޖޭއެމްސީ ކުންފުނީގައި މަސައްކަތްކުރާ މީހެއް ކަމަށެވެ.
ޝަމާދާއި އިތުރު ދެ މީހަކު މަސައްކަތް ނިންމާލުމަށްފަހު އެރަށު މޫދަށް ދިޔަ ކަމަށާއި ޝަމާދަކީ ފަތަން ދަންނަ މީހެއް ކަމަށް އޭނާއާއެކު ދިޔަ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހާދިސާ ހިނގާފައިވަނީ އެރަށު ޖެޓީ ސަރަހައްދުގައި ކަމަށާއި އެ ސަރަހައްދުގައި އެ ވަގުތު އެއްވެސް ބަޔަކު ނޫޅޭ ކަމަށެވެ. އަދި ޝަމާދު އެއްގަމަށް އަރުވައި ހޮސްޕިޓަލަށް ގެންދިޔައީ އޭނާއެކު މޫދަށް ދިޔަ މީހުން ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
ޝަމާދުގެ ހަށިގަނޑު މިވަގުތު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށާއި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު