ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބޯޓިން ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ނިންމައި ލިޔުން ހަވާލުކޮށްފިއެވެ.

އެޗްޑީސީ އާއި އެމްއައިޓީޑީސީ ގުޅިގެން ބޯޓިން ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހޮވުނު 10 ފަރާތަކަށް އިއްޔެ ވަނީ ލިޔުން ހަވާލުކޮށްފައެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން މުޖުތަމައުގައި ބިނާކުރުން ކަމަށެވެ. އަދި މި ޕްރޮގޮރާމް ފުރިހަމަކުރުމުން ދުނިޔޭގެ ކޮންމެ ތަނަކުވެސް މޮޓޯބޯޓު އޮޕަރޭޓްކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސެންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ ގްރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރައިގެ ދިވެހި ޒުވާނުންނަށެވެ. އަދި ބައިވެރިވާ ފަރާތަކީ ފަރިތަކަމާ އެކު އިގިރޭސި ބަހުން ވާހަކަ ދެއްކޭނެ މީހެއް ކަމުގައިވާންޖެހޭ އިރު، މި ޕްރޮގްރާމަށް މީހުން ހޮވުމުގައި ވޯޓާސްޕޯޓްސްއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވަނީ އިސްކަންދީފައެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިން އެއް ދެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފުތާގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ގަލްފް ގައުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މިއީ ރާއްޖޭގެ މާހައުލާ ގުޅޭ އަދި އެޗްޑީސީގެ ކުރިއަށް ރޭވިފައި ހުރި ބޮޑެތި މަޝްރޫއުތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީން ކުރުމަށް ކުރެވިގެންދާ މަސައްކަތެއްވެސް ކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.