ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫ އާ ހާބާ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތްތަކުގެ 92 ޕަސެންޓް ނިމިއްޖެއެވެ.

ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ކަމަދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޖުމުލަ 47.01 މިލިއަން ރުފިޔާގެ މި މަޝްރޫއު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 25,636 ކިއު ބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި ޕޭވްމަންޓެއް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.