ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ފެން ފޯރުކޮށްދޭ ހޮޅިއެއް ފަޅައިގެން ގޮސް ލީކުވުމާ ގުޅިގެން މަރާމާތުކުރުމަށް ތާރުގަނޑުން ބައެއް ކަނޑާލައި އެމަސައްކަތް ނިންމުމަށްފަހު އެތަނުގައި އެޅި ކޮންކްރީޓް ޕެޗުގައި ތާރު އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ބޮޑުތަކުރުފާނު މަގުން ފަތާ ޓްރެކް ކުރިމަތިން ލޮނުފެން ލީކުވުމާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް ތާރުގަނޑު ކަފާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަފުތާއެއްހާ ދުވަސްތެރޭގައި ނިންމި ނަމަވެސް ތާރުގަނޑު ކެފި ތަނުގައި ތާރު އެޅުމުގެ ބަދަލުގައި ވަނީ ވަގުތީ ގޮތުން ކޮންކްރީޓު އަޅައިފައެވެ. އަދި އެތަނުގައި ތާރު އަޅާނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާނު ކުރިއެވެ.

ކޮންކްރީޓު ޕެޗު އެޅިތާ ދެ މަހާ ގާތްވެފައިވާ އިރު، ސްޓެލްކޯ އިން އިއްޔެ ވަނީ އެތަނުގައި ތާރު އަޅަން ބަޔަކާ ހަވާލުކޮށްފައެވެ.

ސްޓެލްކޯގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ މި މަސައްކަތް ކޯސްޓަލް އިންޖިނިއަރިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވެފައި ވަނީ 25 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މި މަސައްކަތް ލަސްވެގެން ދިޔައީ ތާރު އަޅާނެ ބަޔަކު ނުވުމުން ކަމަށެވެ.

"ހަ ފަހަރަށް ޓެންޑާކުރި. އެކަަމަކު އެއްވެސް ބަޔަކު ނުވި. މި ސަރަހައްދުގަވެސް އެކަން ކުރަން ތިބެނީ އެންމެ ބައެއް. އެއީ އިންޑިއާ ކުންފުންޏެއް. އެމީހުންގެ ޕޮލިސީ އިންނަ ގޮތުން ފަސްމިލިއަނަށް ވުރެ ކުޑަ ޕްރޮޖެކްޓެއް އެމީހުން ނުނަގާ. މިހާރުވެސް މި ހަވާލުކުރި ކުންފުނިންވެސް ހިންގަމުންދާ އެހެން ޕްރޮޖެކްޓެއްގެ ތެރެއަށް މިލަނީ މި މަސައްކަތްވެސް،" އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯ އިން މި މަސައްކަތަށް ހަރަދުކުރާ އަދަދެއް ވަނީ ސާފުވާ ގޮތެއް ނުވެފައެވެ. ނަމަވެސް އޮފިސަރު ވިދާޅުވީ މިކަލަހަ ކުޑަ މަސައްކަތަކަށް ފަސް މިލިއަން ރުފިޔާ ހަރަދު ނުވާނެ ކަމަށެވެ.