ގދ. އަތޮޅުން އެންމެ މޮޅު ކެޔޮޅަކަށް ހޮވުނު ގދ. ފަރެސްމާތޮޑާ، ސެއްލަ، ހުސެއިން މަނިކަށް ސްޓޭޖުމަތިން އެވޯޑު ހަވާލުނުކުރީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް އިންޒާރުދީފައި އޮތުމުން، ބިރަކަށް ވެދާނެތީ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ސްޓޭޖު މަތިން ހުސައިން މަނިކަށް އެވޯޑު ނުދިނުމުން ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން ސަރުކާރާއި ފިޝަރީޒް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހުސައިން "ވަން" އަށް މިރޭ ވިދާޅުވީ ހުސައިން މަނިކަށް ސްޓޭޖުމަތިން އެވޯޑު ހަވާލު ނުކުރި ނަމަވެސް އޭނާއަށް ހައްގުވާ އެވޯޑު އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓަރު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އޭނާ ގައިގައި "ޖަހާނެ" ކަމަށް ބުނެ ހުސައިން މަނިކު އިންޒާރުދީފައިވާ ކަމަށެވެ.

"މިގޮތަށް އިންޒާރުދީފައިވާތީ، ރައީސްވެސް ބައިވެރިވެ ވަޑައިގަންނަވާ ރަސްމިއްޔާތަކަށްވާތީ އެއީ ތްރެޓެއް ކަމަށް ބަލައި އަޅުގަނޑުމެން ސްޓޭޖު މަތިން އެވޯޑު ހަވާލު ނުކުރަން ނިންމީ،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފާޑު ކިޔާ މީހުން ބުނަމުންދަނީ ހުސައިން މަނިކަށް ސްޓޭޖު މަތިން އެވޯޑު ހަވާލުނުކުރީ މަސްވެރިންގެ ދުވަހުގެ ހަރާކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި މުއައްސަސާތަކުގެ ވެރިން އެރަށަށް ވަޑައިގެންނެވި ވަގުތު މުޒާހަރާ ކުރުމުން ކަމަށެވެ. ނަމަވެސް މިކަން ފިޝަރީޒް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.