ދުނިޔޭގެ އެންމެ މަގުބޫލު، އަދި އެންމެ މޮޅު އެއް ފުޓުބޯޅަ ނޫސްވެރިޔަކީ އިޓަލީގެ މަޝްހޫރު ފަބްރީޒިއޯ ރޮމާނޯއެވެ. މަޝްހޫރު "ހިޔާ ވީ ގޯ!" ގެ ޓެގްލައިނަކީ ކުޅިވަރުގެ ތެރޭގައި އުޅޭ ކޮންމެ މީހަކަށްވެސް އެނގޭނެ ޓެގްލައިނެވެ. އެންމެ އަވަހަށް، އެންމެ ތާޒާކޮށް ބޭރުގެ ޓްރާންސްފާ ހަބަރުތައް އިތުބާރާއެކު ހޯދައިލެވޭނެ ޕްލެޓްފޯމަކީ ފަބްރީޒިއޯގެ 12.8 މިލިއަން މީހުން ފޮލޯކުރާ ޓްވިޓާ ޕްލެޓްފޯމެވެ. "އަންހެނުންނަށް ނުކުރާ އިތުބާރު، ފަބްރީޒިއޯއަށް ކުރާނެ،" ކަމަށް މަޖާޒީ ގޮތެއްގައި އެތައް ބަޔަކު އިންޓަނެޓްގައި ބުނެލަނީ، ހަމަ އިތުބާރު ކުރެވޭލެއް ބޮޑުކަމުންނެވެ. ފަބްރީޒިއޯ ފުރަތަމަ ފަހަރަށް ރާއްޖެ އައީ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް އެވޯޑު ހަފުލާއަށެވެ. އެ އައި އައުމާއެކު ކްރޮސްރޯޑަށާއި، ރާއްޖެއަށް އޭނާއަށް ހާއްސަ ލޯތްބެއް ދެވިއްޖެއެވެ.

"މިއީ އަހަންނަށް ވަރަށް ހިތްގައިމު މަންޒިލެއް. އަހަރެން އަބަދުވެސް ރާއްޖެއަށް ވަރަށް ބޮޑަށް ލޯބިދެން. އަހަންނަށް ރާއްޖޭގެ، މި ހާޑްރޮކް ހޮޓެލްސް، އަދި ކްރޮސް ރޯޑްސްއަށް އައުމާއެކު ކުރެވެނީ ތަފާތު އިހުސާސެއް. ހާއްސަ އިހުސާސެއް. އަހަރެން ހަގީގަތުގައިވެސް ރާއްޖެއަށް ވަރަށް ލޯބިކުރަން،" ފަބްރީޒިއޯ ބުންޏެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުރުން ހާޑްރޮކް، އަދި ކްރޮސްރޯޑާވެސް ހާއްސަ ގާތްކަމެއް ގެންގުޅޭ ފަބްރީޒިއޯ އިއްޔެ ދިވެހި ނޫސްވެރިންނާއެކު ނުކުތީ ކްރޮސްރޯޑުގެ ފުޓްސަލް ދަނޑަށެވެ. އާންމުކޮށް ބުރަކޮށް، ރެޔާއި ދުވާލު ނުނިދައި މަސައްކަތް ކުރަމުން އަންނަ ފަބްރީޒިއޯ އޭނާގެ ހިތްހަމަޖެހުމަށް އިއްޔެ ދަނޑު މައްޗަށް ނުކުތީ އެކުވެރިކަމުގެ ފުޓްސަލް މެޗަކަށެވެ. މިނިސްޓަރު މަހްލޫފްގެ ޓީމަކާއި ފަބްރީޒިއޯގެ ޓީމެއް ވާދަކުރި މެޗު ވެގެންދިޔައީ އެކުވެރި، މަޖާ މާހައުލެއްގައި ކުޅިވަރު ނޫސްވެރިން ބައްދަލުވެ، ވޯލްޑް ކަޕްގެ ބުރަ ދުވަސްތަކުން ސިކުނޑި ތާޒާކޮށްލެވުނު ތަޖުރިބާއަކަށްވެސް މެއެވެ. ދިވެހި ނޫސްވެރިންގެ އިތުރުން ފަބްރީޒިއޯއަށްވެސް މެއެވެ.

"މިއީ އަހަރެންގެ ރައްޓެހިން. ހާޑްރޮކްގެ ޓޮލްގާއާއި މި ހުރިހާ އެންމެންނަކީވެސް އަހަރެންގެ ރައްޓެހިން. މިއީ ތަފާތު ތަޖުރިބާއެއް. އަހަރެން މިތަނަށް އައިސް މަސައްކަތް ކުރާއިރުވެސް ލިބޭ މަދު ބްރޭކް ވަގުތުތަކުގައި މި ހިތްގައިމު ކަމުގެ ބޭނުންކޮށްލަން ލިބޭ. ދެން މި ކުޅެވުނީ ހާއްސަ މެޗެއް. މި ހުރިހާ ނޫސްވެރިންނާއެކު ފުޓުބޯޅަ ދަނޑު މައްޗަށް ނުކުމެ ހޭދަ ކުރެވުނީ ވަރަށް އުފާވެރި ވަގުތުތަކެއް،" ފަބްރީޒިއޯ ބުންޏެވެ.

އިޓަލީއަށް އުފަންވުމާއެކު ފަބްރީޒިއޯގެ ނޫސްވެރިކަމުގެ ހުނަރުގެ އިތުރުން ފުޓުބޯޅައިގެ ހުނަރުވެސް ހުންނާނެ ކަމަށް ކުރިންވެސް އަންދާޒާ ކުރެވުނެވެ. އެކަންވީވެސް އެހެންނެވެ. ނިކަން ބާރު ބޯޅަތަކާއެކު ފަބްރީޒިއޯ ކުޅުނީ ވަރުގަދަ ފިޒިކަލް ފުޓުބޯޅައެކެވެ. ހަ ގޯލްވެސް ޖަހައި އޭނާގެ ފުޓުބޯޅަ ހުނަރު ދައްކާލިއެވެ. މެޗުން ފޭބި ގޮތަށް "ބޭނުންވަނީ 10 ވަރަކަށް މިނެޓް،" ކަމަށް ބުނެ ދިޔައީ ފޯނާ ދިމާލަށެވެ. އެވަގުތުވެސް ދަނޑުގައި ހުރެވެސް އޭނާގެ ފޮލޯވަރުންގެ އިންތިޒާރަށް، ޓްރާންސްފާ އަޕްޑޭޓެއް ޓުވީޓްކޮށްލުމަށްފަހު ނޫނީ ފޮޓޯ ނެގުމަށްވެސް ވަގުތު ހުހެއް ނުކުރިއެވެ. މަސައްކަތަށް ދޭ ސަމާލުކަމާއި އަހަންމިއްޔަތެވެ.

ވޯލްޑް ކަޕްގެ މި ބާރުބޮޑު ދަނޑިވަޅުގައި ފަބްރީޒިއޯއަށް ރާއްޖޭގެ ހިތްގައިމު މާހައުލު މުހިއްމު ކަމަށް އޭނާ ބުންޏެވެ. "މި ޕެރަޑައިސް"ގައި ހިތްހަމަޖެހުމާއެކު މަސައްކަތް ކޮށްލުމަކީ ހައްޓަށް ނިކަންބޮޑު ލުއިކަމެއް ކަމަށް ފަބްރިޒިއޯ ފާހަގަކުރިއެވެ. ދިވެހި ނޫސްވެރިންނާއެކު ފުޓުބޯޅައިގެ އެތައް ވާހަކައެއް ދައްކަމުން ފަބްރީޒިއޯ ވަނީ ވޯލްޑް ކަޕްގެ ފުރިހަމަކަމަށް ތައުރީފުކޮށް، އޭނާގެ އަންދާޒާވެސް ހިއްސާ ކޮށްފައެވެ. ފަބްރީޒިއޯގެ ނަޒަރުގައި ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ އާޖެންޓީނާއެވެ.

ވާހަކަތައް ދިގުލައިގެން ދިޔަ އިރު، ހުރިހާ ނޫސްވެރިންނަށް ޝުކުރު އަދާކުރަމުން ފަބްރީޒިއޯ ދިޔައީ އަދި އަންނާނެ ކަމަށްވެސް ވައުދުވެފައެވެ. އުފާވެރި މާހައުލެއްގައި ހޭދަވި ހިތްގައިމު ވަގުތުތައް އޭނާއަށްވެސް ހާއްސައެވެ. ރާއްޖޭގެ މަންޒިލަށް އޭނާގެ ހިތް ދެވިއްޖެކަމަށް ތަކުރާރުކޮށް ބުންޏެވެ.