ފިތުރު އީދު ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިދިޔަ އަހަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ހުއްދަނެތި، މީހެއްގެ އުފެއްދުމެއް ބޭނުންކޮށްފައިވާ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 40،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ޓީއެމްއޭގެ މައްޗަށް ހުކުމްކޮށްފިއެވެ.
މިއީ ޓީއެމްއޭއާ ދެކޮޅަށް ވ. ފަރުވެލި/މުހައްމަދު ފަރުހާންގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
ފަރުހާން ބުނެފައި ވަނީ، ޓީއެމްއޭގެ އިންސްޓަގްރާމް އާއި ފޭސްބުކް ޕޭޖުގައި ޕޯސްޓުކުރި އީދު ގްރީޓިން ކާޑު ތަކުގައި އޭނާގެ ހުއްދަނެތި، އޭނާގެ އުފެއްދުންތަކެއް ބޭނުންކޮށްފައިވާ ކަމަށެވެ.
އެއީ ޓީއެމްއޭގެ ކްރިއޭޓިވް ޑިޒައިނަރެއްގެ ވަޒީފާއަށް ހޮވުމުގެ ތެރެއިން، ފެންވަރު ބެލުމަށް އެ ފަރާތުން އެދިގެން ޓީއެމްއޭއަށް އޭނާ ފޮނުވި ކުރެހުމެއް ކަަމަށްވެސް ބުނެފައިވެއެވެ. އަދި އެ ކުރެހުން ޓީއެމްއޭއިން ބޭނުންކުރީ، އޭނާއަށް ވަޒީފާ ނުލިބޭކަން އެންގި ފަހުން ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި ހުއްދަ ނެތި، ޓީއެމްއޭއިން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށްބުނެ އެކަމުގެ ބަދަލާއި ހަރަދު ހޯދައި ދިނުމަށް ކޯޓުގައި ފަރުހާން ވަނީ އެދިފައެވެ. އެހެންކަމުން ބަދަލުގެ ގޮތުގައިި ކޮޕީ ރައިޓާބެހޭ ގާނޫނުގެ ދަށުން 84،715 ރުފިޔާ އާއި 25،000 ރުފިޔާގެ ބަދަލެއް ނަގައިދޭން ފަރުހާން ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް މި މައްސަލައަށް އިންކާރުކޮށް ޓީއެމްއޭއިން ކޯޓުގައި އެދިފައި ވަނީ އެއީ ޓީއެމްއޭގެ ކޮންޓެންޓެއް ކަމަށް ކަނޑައަޅައި، އެ މައްސަލައގައި ފަރުހާން އެދިފައިވާ ބަދަލު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަަލަ ބެލުމަށްފަހު، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމުގައި، ވަނީ ޓީއެމްއޭއިން ފަރުހާންގެ ހައްގަށް އަރައިގެންފައިވާ ކަމަށެވެ. އަދި ޓީއެމްއޭގެ ލޯގޯ އާއި ކުލަތައް ފިޔަވައި ދެން އެ އުފެއްދުމުގައި ހުރީ ފަރުހާންގެ އަމިއްލަ މަސައްކަތް ކަމަށާއި ފަރުހާންގެ އުފެއްދުން ބޭނުންކުރުމުގައި ޓީއެމްއޭއިން އޭނާގެ އިގުތިސޯދީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި ޓީއެމްއޭގެ މައްޗަށް ކޯޓުން ކުރި ހުކުމްގައި ވަނީ، ބަދަލުގެ ގޮތުގައި 40،000 ރުފިޔާ މިމަހު 25 ގެ ކުރިން ފަރިހާނަށް ދެއްކުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު