ހދ. ނޮޅިވަރަމުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށާއި ނޭކުރެންދޫގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއްބަސްވެ، އެ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކަންތައް ކޮށްފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލަށް، 13.2 މިލިޔަން ޑޮލަރާއި ރިސޯޓެއް ހަދަން ފަޅުރަށެއް، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ދައުލަތަށް އަންގާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ގްލޯބަލް ވިންގްސްގެ ފަރާތުން މި މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
މި މައްސަލައިގައި ގްލޯބަލް ވިންގްސް އިން ބުނެފައި ވަނީ، ނ. އޮއިވަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ނޮޅިވަރަމުގައި ފެނާއި ނަރުދަމާ ގާއިމުކޮށް އަދި ނޭކުރެންދޫގައި ނަރުދަމާ ގާއިމުކުރާގޮތަށް މިނިސްޓްރީ އޮފް ފިނޭންސާއެކު ގްލޯބަލް ވިންގްސާ ދެމެދު 15 ޑިސެމްބަރު 2011 ގައި އެއްބަސްވެ، ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ނޮޅިވަރަމާއި ނޭކުރެންދޫގައި ކުރަން ޖެހޭ ސާވޭތައްކޮށް، ޑީޓެއިލް ޑިޒައިން އާއި ބީއޯކިއު އަދި އެ ދެރަށުގައި މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅި ނަމަވެސް، 2012 ގެ އެޕްރީލް މަހުން ފެށިގެން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މި މަޝްރޫއާބެހޭ އެއްވެސް ކަމެއްގައި އެއްބާރުލުން ދީފައިނުވާ ކަމަށް ގްލޯބަލް ވިންގްސް އިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އެ ކުންފުނިން ކުރަން ޖެހުނު އެޑްމިނިސްޓްރޭޓިވް ހަރަދާއި މަސައްކަތް ކުރުމަށްޓަކައި ކުރި ބޮޑެތި ހަރަދު ތަކަށާއި އެ އެއްބަސްވުމާ ގުޅިގެން ނޮޅިވަރަމާއި ނޭކުރެންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ހަރަދުގެ ބަދަލުގެ ގޮތުގައި 13.2 މިލިޔަން ޑޮލަރު ގްލޯބަލް ވިންގްސްއަށް ދެއްކުމަށާއި ރިސޯޓު ތަރައްގީ ކުރާނެ ރަށެއް ނުވަތަ ރަށްތަކުގެ އެ ކުންފުންޏަށް ހަވާލު ކޮށްދިނުމަށް ދައުލަތަށް އެންގުމަށް ގްލޯބަލް ވިންގްސް އިން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.
ނަމަވެސް މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ހުކުމް ކޮށްފައި ވަނީ، ދައުލަތުގެ މައްޗަށް އެގޮތަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މައްޗަށް އެންގުމަށް އެދި ގްލޯބަލް ވިންގްސްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު