ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ޑާވިން ރެސްޓޯރަންޓުން ތައާރަފްކޮށްފިއެވެ.

"ޑާވިން" ރެސްޓޯރެންޓަކީ ނުކުޅެދޭ މީހުންނަށް ފަސޭހައިން ވަދެ ނުކުމެ ހެދޭ ގޮތަށް ފަރުމާކޮށްފައިވާ ރެސްޓޯރެންޓެއް ކަމަށް އެތަނުގެ ވެރިފަރާތުން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ރޭ ވަނީ އެ ރެސްޓޯރެންޓުގައި ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިން އާއި މޯލްޑިވްސް ޑިސެބިލިޓި އެސޯސިއޭޝަންގެ ބޭފުޅުންނާއި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނާއި އެމީހުންގެ އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.

މި ހަފުލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ރެސްޓޯރެންޓުން ޑިސްކައުންޓު ލިބޭ ސްކީމެއް ވަނީ ތައާރަފުކޮށްފައެވެ.

ޑާވިން ރެސްޓޯރެންޓުގެ ވެރިޔާ އަހުމަދު އިރާޝް "ވަން" އަށް މިއަދު ބުނީ "ޑާވިން" އަކީ ނުކުޅެދޭ މީހުންނަށް ހުންނަ ދަތި އުދަނގޫތައް ފާހަގަކޮށް، އެފަދަ ކަސްޓަމަރުންނަށްވެސް ހުރިހާ ހިދުމަތްތަކެއް އެއްވެސް ދައްޗަކާ ނުލައި ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބައްޓަންކޮށް ފަރުމާކުރެވިފައިވާ ރާއްޖޭގެ ފުރަތަމަ ރެސްޓޯރެންޓު ކަމަށެވެ.

އިރާޝް ބުނީ އެ ރެސްޓޯރެންޓުން އުމުރުން ދުވަސްވީ މީހުންނާއި އެކްސިޑެންޓެއް މެދުވެރިވެ، ނުކުޅެދޭ ހާލަތައް ދާ މީހުންނަށްވެސް ފަސޭހައިން ހިދުމަތް ލިބޭނެ ކަމަށެވެ.

"މާލޭގަވެސް ހުޅުމާލެގަވެސް އެބަހުރި ވަރަށް ގިނަ ރެސްޓޯރަންޓުތައް. އެކަމަކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ގޮސް ތިބެލަން އެހާ ފަސޭހަ ތަންތަނެއް ނުހުރޭ. އަޅުގަނޑުމެން ޑާވިންގެ ކޮންސެޕްޓު ފަރުމާކުރީ އެގޮތަށް ވިސްނާފަ. މިހާރު ރާއްޖޭގަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށްވެސް ވަރަށް ގިނަ،" އޭނާ ބުންޏެވެ.

އިރާޝް ބުނީ އެ ރެސްޓޯރަންޓުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޑިސްކައުންޓުތައް ލިބޭނެ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮންމެ ހިދުމަތަކުން ފަސް ޕަސެންޓު ޑިސްކައުންޓު ލިބޭނެ ކަމަށާއި އަދި އާއިލާ އާއެކު އެފަދަ ފަރާތްތައް އަންނަ ނަމަ، މުޅި ބިލަށްވެސް ޑިސްކައުންޓު ލިބިގެންދާނެ ކަމަށެވެ.

އެގޮތަށް ޑާވިން ރެސްޓޯރަންޓު ފަރުމާކުރީ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބާކީ ނުކޮށް އެމީހުންވެސް ކަންކަމުގައި ބައިވެރިކުރުވުމުގެ މަގުސަދުގައި ކަމަށް އިރާޝް ބުންޏެވެ.

"މިހާރު ވަރަށް ގިނަ ދެއްތޯ ނުކުޅެދުންތެރިކަަން ހުންނަ މީހުންނާއި ކުދިންވެސް. މިސާލަކަށް ބަލާނަމަ އޯޓިސްޓިކް ކުދިންވެސް ގިނައިން ބޭރަށް ނެރެ، ރެސްޓޯރަންޓުތަކަށް ގެންދަން ބައެއް މީހުން އެބަ ޖެހިލުންވޭ. އެއީ ގިނަ ތަންތަނުގަ އެފަދަ މާހައުލެއް ނެތީމަ. ދެން އުމުރުން ދުވަސްވީ މީހުންނަށްވެސް އެފަދަ މާހައުލެއް ގާއިމުކުރީމަ އެ މީހުންވެސް ހިތްހަމަ ޖެހިގެން މީރުކޮށް ކާލައިގެން ތިބޭނެ. އަޅުގަނޑު ޑާވިން ރެސްޓޯރަންޓު ފަރުމާކުރީ އެގޮތަށް ވިސްނައިގެން،" އޭނާ ބުންޏެވެ.

އިރާޝް ބުނީ ޑާވިން ރެސްޓޯރެންޓުގެ ކާތަކެތިވެސް ތައްޔާރުކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ލޯފަން މީހުންނަށްވެސް ކާން ފަސޭހަ ގޮތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ކާއެއްޗެއް ތައްޔާރުކުރިޔަސް އެއްވެސް ބާވަތެއްގެ މަހުގެ ކަށްޓެއް ނުހިމަނާނެ ކަމަށް އޭނާ ބުންޏެވެ.

ޑާވިން ރެސްޓޯރެންޓުން އިންޑިއަން ކާތަކެއްޗާއި ބޭރުގެ އެހެނިހެން ރަހަތަކާއި ބުއިންތަކުގެ އިތުރުން ދިވެހިންނަށް ކަމުދާ ރަހަތައްވެސް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ޑާވިން ރެސްޓޯރެންޓުގެ ހިދުމަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.