ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފްލައިޓްތަކުގެ އަގު ބޮޑުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމަށް މައުލޫމާތު ދެއްވަމުން މައުސޫމް ރޭ ވިދާޅުވީ، 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް މި އަހަރު ކަނޑައެޅި އަމާޒަށް މި މަހުގެ ތިން ވަނަ ހަފުތާގައި ވާސިލުވެވޭނެ ކަމަށެވެ. އެގޮތުން މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ނިމުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރަށްވުރެ މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވި ނަމަވެސް ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ފްލައިޓްތަކުގެ އަގު ބޮޑުވުމާއި ފްލައިޓްތަކުގެ ތާށިކަން ކަމަށް ވިދާޅުވިއެވެ.

"ފްލައިތުތަކުގެ އަގުތައް ވަރަށް ބޮޑުވެއްޖެ. 2020، 2021ގެ އަގުތަކާއި ބަލައި އިރު، 2022ގެ ޓިކެޓުގެ އަގުތައް ބިޒްނަސް ކުލާހުގައި އެބައުޅޭ 4000 ޑޮލަރު އަގުބޮޑުކޮށް ޔޫރަޕުން މި ހިސާބަށް އަންނަން. އިކޮނޮމީ ކްލާހުގައި އެބައުޅޭ 400، 500 ޑޮލަރު އަގުބޮޑުކޮށް،. ފެމިލީއެއް ދަތުރުކުރާއިރު އެއީ ވަރަށް ބޮޑު އަދަދެއް." މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފްލައިޓްތަކުގެ އަގުބޮޑުވި ނަމަވެސް ގިނަ އަދަދެއްގެ އެއާލައިންތަކުން މިހާރު ރާއްޖެއަށް ދަތުރުތައްކުރާ ކަމަށެވެ. އަދި އެހެން އެއާލައިންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެމެރިކާގެ އެއާލައިނަކުން ވަރަށް އަވަހަށް ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،524،265 ފަތުރުވެރިން އައިސްފައިވެއެވެ.